ލިވަޕޫލުން މިއަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކުރީ 30 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ. މިއީ 1989/1990ގެ ސީޒަނަށްފަހު އެ ކްލަބަށް އިނގިރޭސި ފުޓުބޯޅައިގެ ރަސްކަމަށް އެރުނު ފުރަތަމަ ފަހަރެވެ. ދިގު ޒަމާންވީ އިންތިޒާރެކެވެ. އެހެން ނަމަވެސް، އެއީ ލިވަޕޫލްގެ ހައްގު މަގާމު ކަމަށް ބެލެވިދާނެއެވެ. އެ ކްލަބުން ރޭ އުފުލައިލި ލީގު ތައްޓަކީ 19 ވަނަ ލީގު ތައްޓެވެ. ޔޫރަޕްގެ ހަ ތަށި ލިވަޕޫލުން އުފުލާލާފައިވާ އިރު، އެއީވެސް އިނގިރޭސި ކްލަބަކަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.

އިނގިރޭސި ފުޓުބޯޅައިގެ ހައިރާކީއަށް 1992 ވަނަ އަހަރު ގެނައި އިންގިލާބަކާއެކު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރީބްރޭންޑް ކޮށްފައިވާ އިރު، އޭގެ ފަހުން ލިވަޕޫލަށް ލީގު އުފުލައިލެވުނީ ރޭގައެވެ. އެހެންނަމަވެސް އެއީ ޒަމާންތަކެއް ވަންދެން މުޅި ޔޫރަޕުގައިވެސް އޮތް އެންމެ ވަރުގަދަ އެއް ޓީމެވެ. މަދުވަނީ ޕްރިމިއާ ލީގެކެވެ. އެ ތައްޓަށް ސަޕޯޓަރުންގެ ޖާނާއި މާލު ދޭންވެސް ތައްޔާރެވެ. އެހެން ނަމަވެސް، ސީޒަނަކަށްފަހު ސީޒަނެއް ނާއުންމީދުވެ، ލިވަޕޫލް ވެގެންދަނީ އެ ހުވަފެން ގަބޫލުނުކުރާ ބަޔަކަށެވެ. އެ ހުވަފެނުގައި ކުލަ ޖެހޭ ތަން ނުފެންނާނެ ކަމަށް ދެކެން ފެށީ ކްލަބު ލެޖެންޑް ސްޓީވަން ޖެރާޑް ފަދަ ކުޅުންތެރިންނަށް ހެދުނު އެންމެ ގޯހަކުން ތަށި ދޫވެގެން ދިޔައީމައެވެ.

ޒަމާނާއެކު ބަވަނަވެފައިވާ މިއަދުގެ ފުޓުބޯޅައިގައި ނުވާނެ ނުވަތަ "އިމްޕޮސިބަލް" ވާނެ ސަބަބުތައް ހޯދެއެވެ. އެއީ މުޅިއަކުން ނަސީބު ނޫންކަން ދައްކާނެ އެތަކެއް ވަސީލަތެއް އެބަހުއްޓެވެ. ކޯޗެއް އަދި ކުޅުންތެރިޔަކު ގެންގުޅޭ ތަފާތު ހުނަރަކަށްވުރެ ބޮޑަށް، ޓީމެއް އެކުލަވައިލަން މުޅި ދުނިޔޭގެ ފުޓުބޯޅަ މަސައްކަތްކުރަނީ އެ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް ސިފަކުރެވިދާނެއެވެ. "މަނީ ބޯލް"ގެ މަންޒަރުތަކުން ދައްކުވައިދެނީ ޒަމާނީ ފުޓުބޯޅައިގެ އުސޫލުތައް ކަމަށްވުންވެސް ގާތެވެ. މެނޭޖުމަންޓުން ފެށިގެން ގޮސް، ކްލަބުގެ އެކަޑެމީ ކޯޗަށް ދާންދެން ކާމިޔާބުގައި މުހިންމުވާނެކަން ލިވަޕޫލުން ދަސްކުރި ހިސާބަކީ "ޔާގަން ކްލޮޕް"ގެ ކާމިޔާބީއެވެ.

ޖަރުމަނުގެ ފުޓުބޯޅަ ފިލޯސަފީއަކީވެސް އެއީއެވެ. ކްލޮޕްގެ ވިސްނުމަކީވެސް އެއީއެވެ. ސަޕޯޓަރުންނާ އެކުވާން ޖެހޭނެ ކަމަށް އޭނާ ގަބޫލުކޮށް އެކަންވެސް ކުރިއެވެ. އުންމީދު ކުރަންވީ ވަގުތާއި ދިގުރާސްތާ ޕްލޭން ސިފަކޮށްދިނީ އެ މަގުސަދުގައެވެ. އަމިއްލަ ޕްރެޝަރު ކުޑަކޮށް، ކްލޮޕްގެ ފަސްމަގުން ފިލާވަޅު ދައްކައި، ސަޕޯޓަރުން ކެތްތެރިވުމަށް ވަގުތު ދިނެވެ. ކްލަބު ކުޅޭ ތާރީހީ އެންފީލްޑްގެ ވިނަގަނޑު ބަދަލުކުރުމަށް ދާން ބާރު ފޯރުވައި، "ވިޔަފާރި ވިސްނުމުގައި" ޓްރާންސްފާ ކުރަމުންދިޔަ ބޯޑުގެ ބާރު ކަނޑުވައިލިއެވެ. ކްލޮޕް ބެލީ "ޑޭޓާ" އަށެވެ. 2015 ވަނަ އަހަރުން މިއަދާ ހަމައަށް ލިވަޕޫލްއާއެކު ކްލޮޕް ހޯދި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީވެސް ޑޭޓާ އެނަލައިޒް ކުރުގައި ދެވަނައެއް ނެތް، މައިކަލް އެޑްވާޑްސްއާއި އޭނާގެ "ލެޕްޓޮޕް"އެވެ.

މައިކަލް އެޑްވާޑްސްއަކީ މިހާރު ލިވަޕޫލްގެ ސްޕޯޓިން ޑިރެކްޓަރު ނަމަވެސް، ކްލޮޕްގެ ކުރިން އޭނާއަކީ ލިވަޕޫލުގައި ބަސް ވިކުނު މީހެއް ނޫނެވެ. ކުރިން ލިވަޕޫލަށް އިރުޝާދު ދިން ބްރެންޑަން ރޯޖާސްއާއި މައިކަލް އެޑްވާޑްސްވެސް އެއް ގަލަކަށް އަރައިފައެއް ނުވެއެވެ. ސަބަބަކަށްވީ ލެޕްޓޮޕަކުން އެކުލަވައިލާ ޑޭޓާ ޗާޓަކަށް ފުޓުބޯޅައިގެ ޓްރާންސްފާތަކައް ބައްޓަން ކުރެވޭނެ ކަމަށް ރޯޖާސް ގަބޫލު ނުކުރުމެވެ.

ލިވަޕޫލްގެ ތާރީހު އިޔާދަކުރުމަށް އެ ކްލަބުން 2000ގެ ކުރީކޮޅުގައި ކުރި މަސައްކަތުގައި ސްޕޯޓިން ޑިރެކްޓަރަކަށް ހުރީ ޑޭމިއަން ކޮމޮލީއެވެ. ކޮމޮލީ މަގާމުގައި ހުރި ދުވަސްވަރު އެންމެ އެކަށޭނެ ނަތީޖާއެއް ނުދެއްކުނު ނަމަވެސް، އޭނާއަށް އެޅުނު ރަނގަޅު ފިޔަވަޅުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ކްލަބުގެ "އެނަލެޓިކަލް ޑިޕާޓްމެންޓް" ހަރުދަނާ ކުރުމަށް ކުރި މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން އޭނާ ވިސްނުން ގެންގުޅެފައިވަނީ އެނަލިސިސް ހަދައި، އެ އެނަލިސިސްގެ އެހީގައި ކޯޗުންނާއި ބޯޑަށް ލަފާ ދެވޭނެ ފަދަ މީހެއް ހޯދުމަށެވެ.

"އަހަންނަށް މީހެއް ދައްކަބަލަ. ފުޓުބޯޅައިގެ ވާނުވާ އެނގޭނެ އަދި ޑޭޓާ އެނަލައިސިސްއަށް ފަރިތަވާންވެސް ޖެހޭނެ." މިއީ 2011 ވަނަ އަހަރު ޕްރޮޒޯންގައި މަސައްކަތް ކުރި ކޮމޮލީގެ ރައްޓެއްސަކަށް ގުޅައި، އޭނާ ބުނި ވާހަކައެކެވެ. ޕްރޮޒޯންއަކީ ޕްރިމިއާ ލީގަށް ޑޭޓާ އެނަލައިޒް ކޮށްދޭ މައި ކުންފުންޏެވެ. ކޮމޮލީގެ ރަހުމަތްތެރިޔާ ދިން ނަމަކީ ޓޮޓެންހަމްގެ ޑޭޓާ އެނަލެސިސް ޓީމުގެ ތެރޭގައި މަސައްކަތް ކުރި، "އާދައިގެ" ނަމެއް ކަމަށްވާ މައިކަލް އެޑްވާޑްސްއެވެ.

މައިކަލް އެޑްވާޑްސްއާ ކޮމޮލީ ބައްދަލުކޮށް ދެއްކި ވާހަކައިން ވިސްނުން ބަދަލުކޮށްލިއެވެ. ކޮމޮލީއަށް މައިކަލް އެޑްވާޑްސް ސިފަވީ "ފުޓުބޯޅަ އެނަލިސިސްއަށް ފައްކާ، އެ އެނަލިސިސްތައް ކޯޗުންނާ ހަމައަށް ގެންދަން ދަންނަ،" މީހެއްގެ ގޮތުގައެވެ. ކޮންމެއަކަސް މައިކަލް އެޑްވާޑްސްއާ ހަމައަށް ލިވަޕޫލުން ދިޔަ މަގު މި ކިޔައިދިނީ، ލިވަޕޫލުން ލީގު ތައްޓަށް ކުރި ދަތުރުގައި އޭނާގެ ދައުރުވާތީއެވެ. އެކިއެކި ނަޒަރިއްޔާތަކުން ލިވަޕޫލްގެ ކާމިޔާބީއަށް ވާހަކަދައްކާ އިރު، "ލެޕްޓޮޕް ގްރޫ"އެއްގެ ގޮތުގައި ކްލޮޕަށް އެންމެ މުހިންމު ރޯލެއް ކުޅެދިނީ އެއްކަލަ މައިކަލް އެޑްވާޑްސްއެވެ.

ލިވަޕޫލްގެ ވަޒީފާއަށް މައިކަލް އެޑްވާޑްސް ނުކުތް ފުރަތަމަ ދުވަސްކޮޅަކީ އޭނާއަށް ފަސޭހަ ދުވަސްތަކަކަށް ނުވި ނަމަވެސް، މިހާރު އޭނާއަކީ ލިވަޕޫލްގެ އެންމެ ނުފޫޒުގަދަ އެކަކެވެ. ކްލަބަށް އައްޔަންކުރި ފުރަތަމަ ޓެކްނިކަލް ޑިރެކްޓަރުވެސް މެއެވެ. ފަރުދާގެ ފުރަގަހުގައި ހުރެގެން ނަމަވެސް، ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ޓީމު ބިނާކުރުމުގައި އޭނާ ހޭދަކުރި ވަގުތާއި، އޭނާ ދައްކާފައިވާ ހުނަރު ވަރަށް ބޮޑުތަނުން ތަފާތެވެ.

އެޑްވާޑްސް ފުރަތަމަ ލިވަޕޫލާ ގުޅުނީ ކޮމޮލީގެ ދަށުން ހެޑް އޮފް ޕާފޯމަންސް އެންޑް އެނަލިސިސްގެ މަގާމަށެވެ. އެޑުއާޑްސްގެ ހުނަރާއެކު ކުރިއަރައިގެން ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ޑިރެކްޓާ އޮފް ޓެކްނިކަލް ޕާފޯމަންސްގެ މަގާމުން 2016 ވަނަ އަހަރު ނޮވެމްބަރު މަހު އެޑްވާޑްސް ހުރީ ލިވަޕޫލްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ. އެއީ ކްލޮޕް ގެނައި އިންގިލާބުގެ އެންމެ ކާމިޔާބު ތަނބުވެސްމެއެވެ. ލިވަޕޫލުގައި އޮތް ޒަމާންވީ ޓްރާންސްފާ ބޯޑު އުވާލައި، އެޑްވާޑްސްއަށް ބޮޑު ބާރެއް ދިނީވެސް ކްލޮޕެވެ.

ކްލޮޕާއި އެޑްވާޑްސްއާ ގިނަ ވަގުތު އެއް އޮފީހެއްގައި މެލްވުޑުގައި މަސައްކަތް ކުރާއިރު، ލިވަޕޫލްގެ އޯނާޝިޕް ނިސްބަތްވާ ފެންވޭ ސްޕޯޓްސް ގްރޫޕްގެ ރައީސް މައިކް ގޯޑަންއާއެކު އެ ދެމީހުންވެސް އޮންނަނީ ވަރުގަދަ ގުޅުމެކެވެ. ކްލޮޕާއި ގޯޑަން ގުޅުވައިލި ފާލަމަކީ އެޑްވާޑްސްއެވެ. ވަރުގަދަ ކާމިޔާބު ޓްރާންސްފާތަކަކާއެކު ޓީމު ބިނާކުރަން ފެށީ އެ ފާލަމުގެ އެހީގައެވެ.

ކްލޮޕާއި އެޑުވާޑްސްއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ލިވަޕޫލުން ދަނޑު ބޭރުން ކުރަމުން އައި މަސައްކަތް ފުރިހަމަވަމުންދިޔަ އިރު، ބްރެންޑަން ރޯޖާސްގެ ދަށުގައިވެސް އެޑްވާޑްސް ވަނީ މަސައްކަތް ކޮށްފައެވެ. އެޑްވާޑްސްގެ މަސައްކަތަށް ތައުރީފު ކުރި މީހަކަށް ރޯޖޭސް ނުވެއެވެ.

"އަހަންނާއި ވެރިންނާ ދެމެދު ސީދާ މުއާމަލާތް ކުރެވެން ޖެހޭނެ. އަހަރެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ކްލަބެއްގެ ޓެކްނިކަލް ޑިރެކްޓަރަކީ މެނޭޖަރު. އަބަދުވެސް މެނޭޖަރު ނަގަން ޖެހޭ ޒިންމާތައް އެއީ،" 2012 ވަނަ އަހަރު ލިވަޕޫލާ ހަވާލުވެ ހުރި ރޯޖާސް ބުނެފައިވެއެވެ. އެއީ އެޑްވާޑްސްގެ ބޭނުން އޭނާ ނުކުރާކަން ދައްކުވައިދިން ވާހަކަތަކެކެވެ. ޓެކްނިކަލް ޑިރެކްޓަރުގެ ހިޔާލަކީ ރޯޖާސް ގަބޫލުކުރާ ފަލްސަފާއެއް ނޫނެވެ. އެޑްވާޑްސްގެ ހިޔާލާ އެތައް ފަހަރަކު ރޯޖާސް ދެބަސްވެފައިވާ އިރު، އޭރު ލިވަޕޫލުން ކުރި ޓްރާންސްފާތައްވެސް ފެނުނީ އެވަރެޖު ދަށް ޓްރާންސްފާތަކެއްގެ ގޮތުގައެވެ.

ވިލްފްރީޑް ބޮނީއާއި އެޝްލީ ވިލިއަމްސް އަދި ރަޔަން ބާޓްރޭންޑް ފަދަ ކުޅުންތެރިން ކްލަބަށް ގެންދަން ރޯޖާސް ބޭނުންވި ނަމަވެސް ލިވަޕޫލްގެ ސްކައުޓުން އަދި އެނަލެޓިކަލް ޓީމުން އެކަމަށް ދެކޮޅު ހެދިއެވެ. ހާއްސަކޮށް އެޑްވާޑްސް އެކަމަށް ދެކޮޅު ހެދިއެވެ. އަދި އެޑްވާޑްސް ގަބޫލުކުރި ގޮތުގައި އެމްރޭ ކޭން، ލާޒާ މާކޮވިޗް އަދި ފިރްމީނޯ ފަދަ ކުޅުންތެރިންނާއެކު ކްލަބަށް މާ ފައިދާވާނެއެވެ. ރޯޖާސް 2015 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލުމާއެކު ގައުމީ ލެވެލްގެ ނޫސް ހެޑްލައިންތަކުން އެޑްވާޑްސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެޑްވާޑްސްއަށް ނިސްބަތްކޮށް "ލެޕްޓޮޕް ގްރޫ" ފަދަ ބަސްތައް ބޭނުން ކޮށްފައިވާ އިރު، ލިވަޕޫލްގެ ވެރިންގެ ހިޔަނީގެ ދަށުގައި، "ފިނި ކޮޓަރީގައި" އިނދެ އެޑްވާޑްސް ނުބައި ނުފޫޒެއް ލިވަޕޫލަށް ފޯރުވާކަމަށް ބައެއް ނޫސްތަކުން ސިފަކޮށްފައިވެއެވެ.

އެޑްވާޑްސްގެ ސްޓެޓިސްޓިކަލް މޮޑެލްއަށް ރޯޖާސް ފާޅުގައި ދެކޮޅު ހެދިކަން ފެންނަން އޮތް އިރު، 29 މިލިއަން ޕައުންޑަށް ފިރްމީނޯ ގެނައި ގެނައުމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެކަމަށް ފާޑުކިޔަމުން ރޯޖާސް ބުނި ކަމަށް ހަބަރުތަކުގައި ވަނީ އިނގިރޭސި ލީގަށް ބޭނުންވާ ވަރަށްވުރެ ފިރްމީނޯގެ ސްޕީޑް މަޑުވުމެވެ. އެހެންނަމަވެސް، އެޑްވާޑްސް އެ ޓްރާންސްފާއިންވެސް އޭނާގެ އިތުބާރު ދަމަހައްޓައިދެއެވެ. މިއަދު ލިވަޕޫލްގެ ސްކޮޑުގައި ފިރްމީނޯ އަދާކުރާ ދައުރަކީ މުހިންމު އަދި، އެހެން ކުޅުންތެރިއަކަށް އަދާނުކުރެވޭނެ ދައުރެކެވެ.

އެޑްވާޑްސްގެ ލަފައާއެކު ކްލޮޕް ހޯދި ބައެއް މުހިއްމު ކުޅުންތެރިންނަށް ބަލާ އިރު، ސަޑިއޯ މާނޭ އަދި ޖީނީ ވައިނާލްޑަމް އަދި މުހައްމަދު ސަލާހް ހިމެނެއެވެ. އޭގެ އިތުރުން ރޮބާޓްސަން، އެލެކްސް އޮކްސްލޭޑް ޗެމްބަލީން، ވާޖިލް ވެންޑައިކް، އެލިސަން ބެކާ އަދި ފަބީނިއޯ ހިމެނެއެވެ. އެ ކުޅުންތެރިންނަކީ އަގުހެޔޮކޮށް މާކެޓްގައި ވެލިއުކުރި ކުޅުންތެރިން ނަމަވެސް، މިހާރު އެއީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ކުޅުންތެރިންނެވެ. އަދި ނަބީ ކެއިޓާއާއި ޓަކޫމީ މިނަމީނޯވެސް ވަގުތާއެކު ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ.

"އެޑްވާޑްސްގެ މުޅި ޑިޕާޓްމަންޓްވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދޭ،" އެޑްވާޑްސްއާއެކު އަބަދުވެސް އޮފީސް ތެރޭގައި މަޝްވަރާކުރާތަން ފެންނަ ކްލޮޕް ބުނެފައިވެއެވެ. ދެމީހުންގެ ދޭތެރޭގައިވެސް ހާއްސަ އިހުތިރާމެއް އޮންނަ އިރު، އަބަދުވެސް ރަނގަޅު ގޮތަށް އެއްބަސްވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ކްލޮޕް ގަބޫލުކުރާ ގޮތުގައި އެޑްވާޑްސްއަކީ ވަރަށް ބޮޑަށް ކަންކަމާ ވިސްނާ މީހެކެވެ. އަދި ފުރަތަމަ ދެތިން ފަހަރަކު ކަންކަމާ އެއްބަސްނުވެނުނު ނަމަވެސް، އެންމެފަހުން ނިންމައިލެވޭނީ ރަނގަޅު ގޮތަކަށް އެއްބަސްވެގެންނެވެ.

ދެން އޮތް ސުވާލަކީ އެޑްވާޑްސްގެ ވާހަކަ މީޑިއާތަކުން ނުފެންނަނީ ކީއްވެތޯއެވެ. އެޑްވާޑްސް ލިވަޕޫލްގެ އެއްވެސް ކަމެއްގައި ބައިވެރިވާތަން ނުފެންނަނީ ކީއްވެތޯއެވެ. އެޑްވާޑްސްގެ އުސޫލަކީ ލޯ ޕްރޮފައިލެއް ގެންގުޅުމެވެ. ނޫސްތަކުން އޭނާގެ އިންޓަވިއު ހޯދަން ބުނި ނަމަވެސް ވަގުތުން، "ނޯ" ޖަހާކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭނާގެ މަސައްކަތަށް އެއްވެސް ސުވާލެއް ނެތް އިރު، އޭނާގެ ޓީމަކީ ހަތަރު މީހުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އޭގެ ތެރޭގައި ކޭމްބްރިޖް ގްރެޖުއޭޓް އިއާން ގްރަހަމްވެސް ހިމެނެއެވެ.

އެޑްވާޑްސްގެ ޓީމުން ގާއިމުކުރި ރަނގަޅު މާހައުލަކާއެކު ކްލޮޕަށްވެސް ފަސޭހަވެގެން ދިޔަ އިރު، އެ ޓީމުގެ ހުރިހާ އެނަލިސިސްއެއްގެ ނަތީޖާއިން ދެނީ ފެހި ސިގްނަލްއެވެ. ސަލާހަކީ ގޯލް ޖަހާނެ ކާމިޔާބު ކުޅުންތެރިއެއް ކަމަށް މާކުރިންވެސް އެނަލެޓިކަލް ޓީމުން ބުނެފައިވާ އިރު، އެޖެންޓުންގެ ގުޅުންވެސް ލިވަޕޫލަށް ބޮޑުކަން ވަނީ ފާހަގަވެފައެވެ. އަގުބޮޑު ޓްރާންސްފާތައް ލިވަޕޫލުން ކުރި ނަމަވެސް، އެ ޓްރާންސްފާތައް ޕްރެޝަރެއް ނެތި ކާމިޔާބުވާކަން ވަނީ ފެނިފައެވެ. މިއަދުގެ މާކެޓުގައި އަގުބޮޑު ނަމަވެސް، ހުނަރު ހޯދަން އުނދަގުލެވެ. ގިނަފަހަރު އަގުބޮޑެތި ޓްރާންސްފާތައް ފެނުނީ "ފްލޮޕް" ވާތަނެވެ. ލިވަޕޫލްގައި އެކަން ފެނުނީ ތަފާތުކޮށެވެ.

އެޑްވާޑްސްއާއި ޓީމުން ބަރާބަރަށް މާކެޓް އެނަލައިޒް ކުރާ އިރު، ގިނަ ކުޅުންތެރިންތަކެއް ވިއްކައި، ލޯންތަކަށް ދާ ކުޅުންތެރިންގެ ފަރާތުންވެސް ލިވަޕޫލުން ވަނީ ފައިދާ ހޯދައިފައެވެ. އޭގެ އިތުރުން އެޑްވާޑްސްގެ ޓީމުން ވަނީ ލިވަޕޫލްގެ އެކަޑެމީ ޑިރެކްޓަރު އެލެކްސް އިންގްލެތޯޕްގެ ލަފައާއެކު ރަނގަޅު ކުޅުންތެރިންތަކެއް ފުރަތަމަ ޓީމަށްވެސް ޕްރޮމޯޓް ކުރަން އެހީވެދީފައެވެ. އެގޮތުން ނަތަނިއެލް ކްލޭންއަށް ލިބުނު އަނިޔާއަކާއެކު އެޑްވާޑްސްގެ ޓީމުން ކްލޮޕަށް އިރުޝާދު ދިނީ އެލެކްސެންޑްރާ އާނޯލްޑް ފުރަތަމަ ޓީމަށް ތައާރަފު ކުރުމަށެވެ. އެއީ ބޮޑު ކާމިޔާބެކެވެ.

އެޑްވާޑްސްގެ ވާހަކައަކީ ލިވަޕޫލްގެ ކާމިޔާބީގެ އެއް ވާހަކައެވެ. އެއީ ކާމިޔާބީގެ "ފެކްޓާ"އެކެވެ. ލިވަޕޫލް ދާއިމީކޮށް، ސިލްސިލާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް ކުރި ދަތުރުގައި ކޯޗާއި ކުޅުންތެރިންގެ ބުރަ އެތަކެއް މަސައްކަތެއްވާ އިރު، ކްލަބެއްގެ ގޮތުގައި އެޓީމުން ދެއްކީ ކެތްތެރިކަމުގެވެސް މިސާލެކެވެ. ޒަމާންވީ ތާރީހު ނިންމަންދެން ސަޕޯޓަރުންގެ ޖޯޝާއި ފޯރިއަށް އެއްވެސް ބަދަލެއް ނާދެއެވެ. "ޔޫވިލް ނެވާ ވޯކް އެލޯން" އަކީ އެ ކްލަބުގެ ޝިއާރެވެ. ސާބިތުކަމަކީ އެއީއެވެ.