ސްކޫލްތަކުގެ ކިޔެވުން ފެށުން އޯގަސްޓް/ސެޕްޓެމްބަރު މަހަށް ބަދަލު ކުރުމާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އެކަމަށް ހިޔާލު ހޯދުމުގެ ފޯމު ވީހާވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ފުރުން އެދޭ ކަމަށެވެ.

"އަދި ވީހާވެސް ގިނަ ފަރާތްތަކަށް ހިއްސާކޮށް މި ފޯމް ފުރުއްވުމަށް ހިތްވަރު ދެއްވުން އެދެން." މިނިސްޓްރީގެ ޓުވީޓުގައި ވެއެވެ.

އެ ފޯމު އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ކޮންމެ އަހަރަކު ވެސް އަހަރުގެ މެދުތެރޭގައި ފަށަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. މިހާރު އޮންނަ ގޮތުން ސްކޫލުތައް ބަންދުކޮށް ދަރިވަރުން ބޮޑު ޗުއްޓީއަށް ދިއުމަށްފަހު އަލުން ސްކޫލުތައް ހުޅުވެނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައެވެ.