ކޮވިޑް ކޭސްތަކުގެ ކޮންޓެކްޓުން އިތުރުވަނީ ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ނުކުރެވޭތީ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޜ. ނަޒްލާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން އިތުރުވަނީ ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ނުކުރެވޭތީ ކަމަށާއި އެގޮތުން ގިނަ މީހުން އެއްވެ ބާއްވާ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވާ އެއްކަމަކީ ކޭސްތައް ގިނަވާކަން. އެހެން ކަންތައް މިވަނީ ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ނުކުރާތީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މިދުވަސްވަރުވެސް ޕާޓީތަކާއި އެއްވެ އުޅެ ގިނަ ހަރަކާތްތައް ކުރިއަށްގެންދާކަން ފާހަގަކުރެވޭ ކަމަށާއި މާސްކް ނާޅައި މަގުތަކުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ނުރައްކާ އަދިވެސް ކުޑަނުވާ ކަމަށާއި އެހެންކަމުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.