ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތަކަށް ދެމުން އައި ފުރުސަތު އެފްއޭއެމުން މަޑުޖައްސާލައިފި

އައިދާ އަބްދުލް ހަކީމް

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތަކަށް ހާއްސަ ކުރި ޖާގަތައް މަޑުޖައްސައިލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގުން އަބަދުވެސް ފުރުސަތު ލިބިގެންދަނީ އަތޮޅު މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ކަމަށެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން 2019/20 ގެ އަތޮޅު ފުޓުބޯޅަ މުބާރާތް ނުބޭއްވުނު ކަމަށާއި އެހެންކަމުން މިދިޔަ ސީޒަނުގައި ކުޅުނު ދެޓީމަށް އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ދިނުމަކީ އިންސާފާއި ހަމަހަމަކަން ގެއްލޭ ކަމެއް ކަމުގައިވާތީ ލީގުން އަތޮޅުތަކަށް ދިން ޖާގަ މިފަހަރު މަޑުޖައްސާލާފައިވާ ކަމަށް އެފްއޭއެމުން ބުނެއެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނެފައިވަނީ ޖަޒީރާ ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް އަންނަ އަހަރުގެ ކުރީކޮޅު ބޭއްވިއްޖެނަމަ، އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު އަންނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެ ކަމަށެވެ.

އެފްއޭއެމުން 2017 ވަނަ އަހަރު ނިންމާފައިވަނީ އަތޮޅުތަކުގެ މުބާރާތް، މިނިވަން ޗެމްޕިއަންޝިޕް ނުވަތަ ޖަޒީރާ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކުރާ ހަތަރު ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ދިނުމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އަތޮޅު ތެރެއިން ހަތަރު ޓީމު ލީގުގައި ވާދަކުރިއެވެ.

މިދިޔަ ސީޒަން ޖޫން މަހު ފެށިއިރު އެ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކުޅެފައެއް ނުވެއެވެ. މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތެރެއިން ވާދަކުރަން ފުރުސަތު ދިނީ، 2018 ވަނަ އަހަރު ވެސް ލީގުގައި ވާދަ ކުރި ހަތަރު ޓީމަށެވެ. އެއީ އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި، ރަނަރަފް ށ. ފޯކައިދޫގެ އިތުރުން ސެމީ ފައިނަލިސްޓުން ކަމަށްވާ ބ. ފެހެންދޫ އަދި ފ. ނިލަންދޫއެވެ. ނަމަވެސް މިދިޔަ ސީޒަންގައި ފެހެންދޫ އާއި ތިމަރަދުށިން ނިންމީ ދިވެހި ޕްރިމިއާ ލީގުގައި ވާދަނުކުރުމަށެވެ. އެހެންކަމުން މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކުން ވާދަކުރީ ފޯކައިދޫ އާއި ނިލަންދޫ އެކަންޏެވެ.