ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ޝުޖާއު 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ޝުޖާއުގެ މައްޗަށް ތަހުގީގު ކުރަމުން އަންނަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރި މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައިގައި ކަމަށެވެ.

ޖެއެސްސީން ބުނީ އެ މައްސަލަތަކުގެ ތަހުޤީގު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ ފުރުސަތު ދިނުމަށްފަހު މިދިޔަ ހޯމަ ދުވަހު ޝުޖާއުއަށް ރިޕޯޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ޝުޖާއު ސަސްޕެންޑް ކުރުމާ ގުޅިގެން ހައިކޯޓު ހިންގުން ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާ ހަވާލުކުރުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.