ފުލުހުންގެ ފޮރިންސިކް ލެބޯޓަރީން ކޮވިޑް 19ގެ 10،000 އަށްވުރެ ގިނަ ޓެސްޓު ހަދައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ފޮރިންސިކް ލެބޯޓަރީން ކޮވިޑް 19ގެ 10،000 އަށްވުރެ ގިނަ ޓެސްޓު ހަދައިފައިވާ ކަމަށާއި އެވްރެޖްގޮތެއްގައި ކޮންމެ ހަފުތާއަކު 1،000 ޕީސީއާރް ޓެސްޓުގެ ނަތީޖާ އެ ލެބޯޓަރީން ލިބޭ ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ، ކޮވިޑް ޓެސްޓުގެ ނަތީޖާއާއެކު ކޮންމެ މަހަކުވެސް 100އަށް ވުރެ ގިނަ ފޮރިންސިކް އެވިޑެންސާ ގުޅުން ހުރި ޓެސްޓުތައްވެސް އެ ލެބުން ކުރަމުން އަންނަ ކަމަށެވެ.

އެކަމަށް ޓަކައި، ކޮމިޝަނަރު ވަނީ ފުލުހުންގެ ލެބޯޓަރީގައި މަސައްކަތް ކުރާ ޓީމަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.