މިއަހަރުގެ ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކައި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ޖާގަ ހޯދި ފޯވާޑް އާދަމް ނިޒާމް (ކިތުނާ) އަށް އޭނާ ވަޒީފާ އަދާކުރާ ސޮނޭވާފުށި ރިސޯޓުން ރިލީޒް ނުލިބި ގައުމީ ޓީމާ ގުޅުމުގެ އުންމީދު ފަނޑުވެއްޖެއެވެ.

ގައުމީ ޓީމުން ފުރުސަތު ލިބި ކިތުނާ ވަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން މެޗުތައް ފަސްކުރުމުން ގައުމީ ޓީމުގެ ފަރިތަކުރުންތައް އޭރު ވަނީ މެދުކަނޑާލައިފައެވެ. މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ރީޝެޑިއުލް ކުރުމުން ގައުމީ ޓީމުގެ ފަރިތަކުރުންތައް އަލުން ފެށީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކިތުނާގެ ރިލީޒްގެ ކަންތައް ރިސޯޓުގެ އިތުރުން ސްޕޯޓްސް ކަމިޝަނަރުގެ އިތުރުން ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ޔޫތު މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ރިލީޒް ލިބިފައި ނުވާ ކަމަށެވެ.

ގިނަ ހުނަރުތަކެއް ލިބިފައިވާ ކިތުނާއަކީ އެ ރިސޯޓުގެ ވޯޓާ ސްޕޯޓްސްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިހާރު އެ ރިސޯޓަށް ވެސް ފަތުރުވެރިން ޒިޔާރަތްކުރަން ވަނީ ފަށައިފައެވެ.

ބ. ގޮއިދޫއަށް އުފަން ކިތުނާ "ވަން" އަށް މައުލޫމާތުދެމުން ބުނީ ރިލީޒް ލިބުން ދަތިވެގެން އުޅެނީ މުވައްޒަފުންގެ ދަތިކަމާ ހެދި ކަމަށާއި މި ދުވަސްކޮޅު އޭނާ ކުރަމުން އަންނަ މަސައްކަތް ކުރާ އެހެން މުވައްޒަފަކު ނެތުމުން ރިސޯޓަށް ވެސް މިވަގުތު އޭނާގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

ދެވަނަ ޑިވިޝަނުގައި ގިނަ ގޯލުތަކެއް ޖަހައި ގިނަ ބައެއްގެ ސަމާލުކޮށް ހޯދި ކިތުނާއަށް މާޒިޔާ އިން ވެސް ވަނީ ފުރުސަތު ދީފައެވެ. ކުރު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން ކިތުނާ މާޒިޔާއާ ގުޅުނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ.