ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ދެންމެ ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ އެޗްއާރުސީއެމްގެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު އެ ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ.
ފަސް މެންބަރުން ހިމެނޭ އެޗްއާރުސީއެމްގެ މެންބަރު ނައިވީން އަބުދުﷲ ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކި ކުރަން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ.
ނަމަވެސް މެންބަރުންގެ މައްސަލަ ކޮމިޓީިން ބަލަމުން ދިޔައިރު، ޖަވާބުދާރީވުމަށްޓަކައި ކޮމިޓީއަށް ހާޒިރުވާން ކޮމިޝަންގެ މެންބަރުންނަށް އެންގުމުން، ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.
ދެން ތިއްބެވި ދެ މެންބަރުން ކަމުގައިވާ ކޮމިޝަންގެ ނާއިބު ރައީސް މުހައްމަދު ޒާހިދާއި، މެންބަރު މޫސާ އަލީ ކަލޭފާނު މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވުމާއެކު މެންބަރު މޫސާ އަލީ ކަލޭފާނު ވެސް ކޮމިޝަނުން އިސްތިއުފާ ދެއްވިއެވެ.
އެހެންކަމުން ޒާހިދުގެ އްޗަށް މިއަދު ވޯޓު ނަގައި މަޖިލީހުން އޭނާ ވަކިކުރީއެވެ.
ޒާހިދު މަގާމުން ވަކި ކުރީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޒާހިދު ވަކިކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކި ކުރަން އެދި ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ، އެ ދެބޭފުޅުން ވަކިކުރަން ކޮމިޓީން ފާސްކުރީ، ކޮމިޓީގެ ބެލުންތަކުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު އަދާކުރުމުގެ ގާބިލުކަން އެ ދެބޭފުޅުންގެ ކިބައިގައި ނެތްކަމަށް ފާހަގަ ކުރެވޭތީ ކަމަަށެވެ.
އެބޭފުޅުންގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
އޭގެ ތެރޭގައި ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދީފައިވުމާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރުއީ މަރުހަލާގައި ކޮމިޝަނުގެ ދައުރާ ގުޅޭ ގޮތުން ހަގީގަތް އޮޅުވައިޅުމާއި، ޔާމީން ރަޝީދުގެ މައްސަލައިގައި، އޭނާއަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ ބެލުމުގައި އިހުމާލު ވުމާއި، އެ އާއިލާއާ މެދު އެ ކޮމިޝަނުން އަމަލުކުރި ގޮތާއި، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުން ވެސް ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާ ”ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އަދާ ކްރުއެލް، އިން ހިޔުމެން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް” ގެ 19 ވަނަ މާއްދާގެ ދަށުން 2018 ވަނަ އަހަރު ހުށަހަޅާފައިވާ ރިޕޯޓުގައި ބައެއް މައުލޫމާތު ހިމަނާފައި ނުވުމާއި، ކުރީގެ ޑިސޭބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާންގެ މައްސަލަ އާއި، ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް މުވައްޒަފުންތަކެއް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ނުބަލަން ނިންމުން ހިމެނެއެވެ.
މީގެ އިތުރުން އަނިޔާގެ މައްސަލަތައް ބަލަންވާ ވަރަށް ނުބެލުމާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ތަކާއެކު މަސައްކަތްކޮށްފައި ނުވުމާއި 2013 ވަނަ އަހަރަށް ކޮމިޝަނުން ދިރާސާކޮށް ނިންމި “ނޭޝަނަލް އިންކުއަރީ އޮން އެކްސެސް ޓު އެޑިޔުކޭ ޝަން ފޮ ޗިލްޑްރަން ވިތު ޑިސޭބިލިޓީސް” ގެ ދިރާސާ ރިޕޯޓަށް 4 އަހަރު ވީއިރު އާންމު ނުކޮށް އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެ ރިޕޯޓަށް ވެފައިވާގޮތުގެ އެއްވެސް މައުލޫމާތެއް ހިމަނާފައި ނުވުންވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް