ޖުޑީޝަލް ސާވިސް ކޮމިޝަން

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މައުސޫމް ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ރިޝްވަތު ނެގިކަމުގެ ތުހުމަތު ކުރެވުނު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުއްވި މައްސަލަ، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އިސް މެޖިސްޓްރޭޓް މައުސޫމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އޭނާ ހުންނެވީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

ޖޭއެސްސީން ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގަ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މައުސޫމް ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 51 ވަނަ ބައްދަލުވުމުގައެވެ.