ރިޕޯޓް

މީސްމީޑިއާގައި މީހުންގެ އަބުރު ކަތިލުން: ދިވެހީންގެ ކަށީގައި ހިފައިފި، އެކަމަކު އެއީ ކޫލްކަމެއް ނޫން!

އީމާ މުހައްމަދު ވަހީދު

2

ޝައްކެއްވެސް ނެތެވެ. މިއަދު ސޯޝަލް މީޑިއާއަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެންމެ ކުޑަކުއްޖާއިން ފެށިގެން، އެންމެ އުމުރުން ދުވަސްވީ މީހާއަށްވެސް ސޯޝަލް މީޑިއާ ހިތުދަސް ވާނެއެވެ. އޭގެތެރެއިން ވެސް ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި އަދިވެސް އެންމެ މަގުބޫލީ ފޭސްބުކް އަދި ޓުވީޓާ އެވެ. ސޯޝަލް މީޑިއާގެ މިދެންނެވި ދެ ވަސީލަތަކީވެސް އަހަރެމެންގެ ދިރިއުޅުމަށް މުހިންމު ދެތަން ކަން ގަބޫލުކުރަން ޖެހެ އެވެ.

ގައުމުގައި ހިނގާ ހިތްހަމަ ނުޖެހޭ ކަންކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ރީިތިކޮށް ހިޔާލު ފާޅުކުރުމަށާއި ނުވަތަ ވިޔަފާރި ކުރުމަށް ބޭނުން ކޮށްގެންވެސް މައްސަލައެއް ނެތެވެ. މައްސަލައަކަށްވާ ހިސާބަކީ ސޯޝަލް މީޑިއާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފާތީއެވެ. މައްސަލައަކީ ޒާތީ ހަސަދަވެރިކަން ފިލުވައި އެކަކު އަނެކެއްގެ އަބުރާ ބެހުމަށް ބޭނުން ކުރާ ތަނަކަށް ސޯޝަލް މީޑިއާ ހަދާތީއެވެ.

ސޯޝަލް މީޑިއާގައި އެކަކު އަނެކަކު ބަދުނާމު ކޮށް އަބުރާ ބެހުން ފަދަ ނާތަހުޒީބީ އަމަލުތައް އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައު ތެރޭގައި ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުންނެވެ. އެކީގައި މަސައްކަތް ކުރާއިރު، ނުވަތަ މީހެއްގެ ކިބައިން ފެންނަ ނުރަނގަޅު އުޅުމެއްގެ ވާހަކަވެސް ގިނަ މީހުން މި ޖަހައިލަނީ ފޭސްބުކްގައެވެ. އެފަދަ ކަންކަން ކުރާ މީހުންގެ ހިތުން އެއީ ވަރަށް މޮޅު ކަމެކެވެ. ފޭސްބުކްގައި މީހަކާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައި އެންމެންގެ ތެރޭގައި އޭނާ ފަޟީހަތް ކޮށްލެވުމުން ބައެއް މީހުންގެ ހިތުން އެމީހާ އެވީ ވަރަށް ގަދަ މީހަކަށެވެ. އެ ވެވުނީ ނިކަން މޮޅު މީހަކަށެވެ. އެހެންނަމަވެސް އެއީ ކުށްހީކެވެ. އެކަހަލަ ނާތަހުޒީބީ ދަށު ދަރަޖައިގެ އަމަލުތައް ކުރާނީ ހަގީގަތުގައި ފިނޑިންނެވެ. އެއީ މޮޅު ކަމެއް ނޫނެވެ. އެއްވެސް ވަރަކަށް މޮޅު ކަމެއް ނޫނެވެ.

ކޮންމެ މީހަކުވެސް ކުށްކުރާނެއެވެ. ސަބަބަކީ އަހަރެމެންނަކީ އިންސާނުންނަށް ވާތީއެވެ. މީހުންނަށް އެނގެން ބޭނުން ނުވާ ކިތަންމެ ކުށެއް އަހަރެންނަށްވެސް ކުރެވިފައި ހުންނާނެއެވެ. ތިބާއަށްވެސް ކުރެވިފައި ހުންނާނެއެވެ. ތިބާއަށް ކުރެވިފައި ހުންނަ ކުށްތައް އެންމެންގެ ތެރޭގައި ކިޔަން ބޭނުން ނުވާ ބީދައިން ތިބާގެ އަހާވެސް އޭނާއަށް ކުރެވިފައި ހުންނަ ކުށް މީހުންގެ ތެރޭގައި ކިޔާކަށް ބޭނުމެއް ނުވާނެއެވެ. އެހެން މީހެއްގެ އަންބެއްގެ ނުވަތަ ފިރިއެއްގެ އަބުރު މަޖަލަކަށް ހަދައި ސޯޝަލް މީޑިއާގައި ވެއްޔާ މޮޑެލާއިރު، ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މީހަކު އެހެން ހަދައިފިނަމަ ވާނެ ގޮތް އެންމެ ފަހަރަކުވެސް ހިތަށް އަރުވައިލިން ހެއްޔެވެ؟ އެފަދަ ހާލަތެއްގައި ތިބާގެ އާއިލާއަށް ވާނެ އުނދަގޫ ހިތަށް އަރުވައިލިންހެއްޔެވެ؟

އޮރިޔާން ފޮޓޯ ލީކް ކުރުމަކީވެސް ދިވެހި ޒުވާނުން ހިތުން ވަރަށް ކޫލް ކަމެކެވެ. އެހެންނަމަވެސް ތިމާގެ ކޮއްކޮއަށް ނުވަތަ ދައްތަގެ އޮރިޔާން ފޮޓޯއެއް ލީކް ވެއްޖެނަމަ މީހުން ކައިރީގައި އާދޭސްކޮށްގެންވެސް އެ ފޮޓޯތައް ސޯޝަލް މީޑިއާއިން ނަގާނެއެވެ. ފަހަރެއްގައި މިކަން ދެނެގަތުމުގެ ތެތްކަން ބައެއް ޒުވާނުންގެ ސިކުނޑީގައި ނެތީކަމަށްވެސް ވެދާނެއެވެ. އެއްވެސް ހާލެއްގައި ސޯޝަލް މީޑިއާއަކީ ދެމަފިރިިންގެ މެދުގައި ޖެހޭ މައްސަލަތައް ސައްލާ ކުރަން އުފައްދާފައި އޮތަ ތަނެއް ނޫނެވެ. ނޫނީ މީހަކު ތިބާގެ ލޯބިވެރިޔާ އަތުލީމަ އެކަމުގެ ރުޅިވެރިކަމާއި ހަސަދަ ފިލުވައިލަންވެސް އޮތް ތަނެއްވެސް ނޫނެވެ.

ބައެއް ދިވެހިން ސޯޝަލް މީޑިއާގައި އުޅޭގޮތުން ލަދުވެސް ގަނެއެވެ. ބައެއް މީހުން އަނެކާގެ އަބުރު ވެއްޔާ މޮޑެން ކޮށްފައި ހުންނަ ޕޯސްޓްތައް ފެނިފައި މޭގައި އަތްޖަހައިލާފައި އަހަރެންނަކީ ފަހުރުވެރި ދިވެއްސެކޭ ބުނަން ފަސްޖެހެއެވެ. ބައެއް ދިވެހިން ޝޯޝަލް މީޑިއާގައި އުޅެމުންދާ ނާތުހުޒީބީ ގޮތްތަކުގެ ވާހަކަ ދައްކާ މީހާ ވަނީ ގޯހެއެވެ. ފަހަރުގައި މި ލިޔުން ލިޔުމުން މާދަމާ ހަނގާގެ ޝިކާރައަކަށް ވާނީ އަހަރެން ނޫން ކަމެއްވެސް ނޭނގެއެވެ.

އެކަމަކު މިކަމާވެސް ބަޔަކު އަޑު އުފުލަން ޖެހެ އެވެ. ހަގީގަތުގައި ކުށެއް ކުރުމުން ނުވަތަ ސީރިއަސް މައްސަލައެއް އުފަން ވުމުން އެވާހަކަ ދެއްކުމާއި މާ ބޮޑު ކަމަކާ ނުލައި، ވިސްނުމެއް ފިކުރެއްވެސް ނެތި މީހުންގެ އަބުރު ކަތިލުމުގެ ކަންކަން ސޯޝިއަލް މީޑިއާގައި މިއަދު ގޮސްފައިވާ ހިސާބަކީ ކަންބޮޑުވާން ޖެހޭ ހިސާބެކެވެ. މީހުން ކާޓޫނު ކުރެހުމާއި ޖަނަވާރުންގެ ސިފަ ޖެއްސުމާއި މިހެން ގޮސް ނުކުރާ ކަމެއް ނެތެވެ. ހަގީގަތެއް ކަމެއް ބަލައިލުމެއް ނެތި އެކަކު ލިޔާ އެއްޗެހި ދެން ތިބޭހާ ބަޔަކާއި ހަމަޔަށް އުފުލައިދޭ މީހުންނަކީ ވެސް ސޯޝިއަލް މީޑިއާގައި މިއަދު ލައްކަ ގިނަ ބައެކެވެ. މާދަމާ ތިމާގެ ދަރިފުޅު، އެއްބަނޑު މީހަކު މީހެއްގެ ޝިކާރަކައަކަށްވެ، ނޫނީ އެއިން މީހަކަށް ކުރެވޭ ދެރަ ކަމެއްގެ ސަބަބުން ލަދުވެތި ހާލަތެއް މެދިވެރިވިޔަސް އެވާހަކަތައް ސޯޝިއަލް މީޑިއާގައި އިޝްތިހާރު ކުރަމުން ނޫނީ ދެންވެސް ތިމާ ދަންނަހާ ގުރޫޕުތަކުގައި ހިއްސާކުރަމުންދާ މީހަކަށް ވާން ކެރޭނެ ހެއްޔެވެ؟ ޔަގީނެވެ. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް އެކަމެއް ނުވާނެ އެވެ. އެހެން ކަމުން ވިސްނާންވީ ކޮންމެ މީހަކަށް ދެރައެއް ވިޔަސް އެމީހަކަށް ދެވަނަ ފުރުސަތެއް ދީގެން ރަނގަޅު ކުރުމަށެވެ. މީހަކަށް ދެރަ ހާލަތެއް މެދުވެރިވުމުން އެކަން އިޝްތިހާރު ކުރުމަކީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ތިބާގެ ގަޔާ ދިމާއަށް ނުވަތަ ތިބާގެ ލޯބިވާ މީހަކާ ދިމާއަށް އެފަދަ ކަމެއް އައުމަކީ އެހެން މީހުންނަށް ތިދެވޭ ހިތާމައިން އުފަންވެދާނެ ބަދު ދުއާއަކަށް ވެސް ވެދާނެ އެވެ.