އާއްމު ހިދުމަތްތަކާއި ހިންގަމުންދާ މަޝްރޫއުތަކުގެ މަސައްކަތްކުރުން ފަދަ ޒަރޫރީ ކަންކަމުގައި މާލެ އިން ރަށްރަށަށްދާ މީހުން، ފަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް އެރަށުގައި ހުންނަނަމަ ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިމަހުގެ 17 ވަނަ ދުވަހު ނެރުނު އުސޫލެއްގައި ބުނެފައިވާ ގޮތުން، މައިގަނޑު ހަތް ދާއިރާއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބަލި އޮތް ރަށަކުން އެހެން ރަށަކަށް ކުރު މުއްދަތަކަށް ދަތުރު ކުރެވިދާނެއެވެ. ކުރު މުއްދަތަކީ ކިހާ ދުވަހެއް ކަމެއް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ އުސޫލަށް އިއްޔެ ގެނައި ބަދަލުގައި ބުނެފައިވަނީ، ބަލި އޮތް ރަށަކުން އެހެން ރަށަކަށް މުހިންމު މަސައްކަތަކަށް ގޮސް ކަރަންޓީނު ނުކޮށް މަސައްކަތް ކުރެވޭނީ ފަސް ދުވަހަށްވުރެ ގިނަ ނުވާ ގޮތަކަށް ކަމަށެވެ. އެގޮތަށް ދެވޭނީ ރިސޯޓްތައް ފިޔަވައި އެހެން ރަށްތަކަށް ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

ރިސޯޓްތަކަށް އާންމު ހިދުމަތް ދިނުމަށް ދަތުރުކުރާނަމަ އަމަލު ކުރަން ޖެހޭނީ އެޗްޕީއޭގެ "ޕަބްލިކް ހެލްތު އިންޓަވެންޝަންސް ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންސްމިޝަން އިން ދަ ޓޫރިޒަމް ސެކްޓާ" ގައިޑްލައިންއާ އެއްގޮތަށެވެ.

އާ އުސޫލުގައި ވެސް ދަތުރުކުރާއިރު ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އަދި އެކަމުގެ މައުލޫމާތު އެރަށެއްގެ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ދަތުރުކުރާ މީހުން އުޅެން ޖެހޭނީ އެމީހަކު ކުރަން ދިޔަ މަސައްކަތަށް ހާއްސަ ވެފައިވާ ތަނުގައި ކަމަށްވާއިރު ޒަރޫރީ ހާލަތެއްގައި ނޫނީ ރަށުގެ އެހެން ތަންތަނަށް ދިއުން މަނާވާނެ އެވެ.

މީގެ އިތުރުން މިގޮތަށް މަސައްކަތެއް ކުރުމަށް ބަޔަކު ރަށަކަށް ފޮނުވާނަމަ އެ ބަޔަކު ފޮނުވާ މުއައްސަސާ ނުވަތަ ކުންފުނިން އެ ބަޔަކަށް އެ ރަށުގެ އެހެން މީހުންނާ ވަކިން ދިރިއުޅެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ. އަދި ފޮނުވާ މީހުންނަކީ ކޮވިޑް ޖެހިފައިވާ މީހެއްގެ ކޮންޓެކްޓެއް ނޫންކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި ކޮވިޑުގެ ސާމްޕަލެއް ނެގި، ނަތީޖާ ނުލިބި އޮތް މީހެއް ނޫންކަން ވެސް ކަށަވަރު ކުރަން ޖެހޭނެ ކަމުގައި އެ އުސޫލުގައިވެއެވެ. އެ ރަށަކަށް ދާ މަސައްކަތެއް ނިމުމާއެކު ރަށުން އަވަހަށް ފައިބަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ.