ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވައިލުމަށް ގޮވާލައި ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ޖަލްސާގައި ތިއްބެވި ހުރިހާ މެންބަރުން ވޯޓުދެއްވައިގެން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 60 މެންބަރުން ވަނީ އެ ގަރާރު ބޭރުކޮށްލަން ވޯޓު ދެއްވައިފައެވެ. އެއްވެސް މެންބަރު އެ ގަރާރު ބަލައިގަތުމަށް ވޯޓެއް ނުދެއްވައެވެ.
ޖާބިރު މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވުމުން ގަރާރަށް ހުޅުވައިލި ބަހުސްގައިވެސް އެއްވެސް މެންބަރަކު ވާހަކަ ދައްކަވައިފައެއް ނުވެއެވެ.
އެ ގަރާރުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވައިލުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.
ގަރާރުގައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާއަތްތައް މުޅިން ހުއްޓިފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ފުނޑުފުނޑުވެފައިވާ ކަމަށެވެ. އަދި މިހާރު މިސްރާބު ހުރީ ދައުލަތް ބަނގުރޫޓްވުމާ ދިމާއަށް ކަމަށް ގަރާރުގައި ވެއެވެ.
ގަރާރުގައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދާފައިވާ އެންމެހާ އިދާރާތައް ވަގުތުން ވަގުތަށް އުވާލުމަށްޓަކައި ގާނޫނު އަސާސީގެ އަށްވަނަ ބާބު އިސްލާހު ކުރުމަށް ހުށަހަޅާ ކަމަށެވެ.
"ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލައި ރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލަން،" ގަރާރުގައި ވެއެވެ.
އެލްޖީއޭގެ ނަމުގައި އުފައްދާފައިވާ މުއައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަގުތުން ފެއްޓުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކުރުމަށް ގޮވާލާ ކަމަށްވެސް ގަރާރުގައި ވެއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު