ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ލަސްވުމުގައި އިހުމާލެއް ވޭތޯ ބަލައި، އެ މަސައްކަތް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރެވެން އޮތް ކަންތައްތަކަށް ބަލައި އެކަން ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ހުށަހެޅުއްވި މި މައްސަލައަށް މަޖިލީހުގައިއި ބަހުސް ކުރަން ފެންނަކަމަށް ފާސްކުރީ، ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މިމައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ވަނީ ސިފައިންގެ ކޯޕަރޭޓިވް ("ސިފްކޯ“) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ("ޕޮލްކޯ“) މެދުވެރިވެގެން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ހުޅުމާލޭގައި އަޅަމުންގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުގެ މެދުތެރެއިން ފެށިންގެން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ ފްލެޓްތަކެއް ކަމަށެވެ.

މިއަދާއި ހަމަޔަށް އައި އިރުވެސް އެތަންތަން ނިމިފައި ނުވާކަމަށާއި، ފްލެޓްތަކުގެ މަސައްކަތްދާ ގޮތުން އަވަސް މުއްދައްތެއްގައި ނިމޭނެ ކަމަށް ނުބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

މި ފްލެޓްތައް ހަދަމުންގެން ދަނީ ސަރުކާރުން ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމަށްވިޔަސް، ފްލެޓްތައް ލިބޭ ސިފައިންނާއި ފުލުހުންވެސް މި ފްލެޓްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކައިފައިވާއިރު، ބެލެވޭ ގޮތުން ގިނަ ސިފައިންނާއި ފުލުހުން މި ފައިސާ ދެއްކުމަށްޓަކައި ބޭންކްތަކުން ލޯނު ނަގާފައިވާ އިރު، އެ ފަރާތްތަކަށް މިހާރު ލޯނު ފައިސާ އަނބުރައި ދައްކަންޖެހި އަދި ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަންޖެހިފައިވުމުން އެ ކަން ވަނީ ބޮޑު ތަކުލީފަކަށްވެ، އެ ސިފައިންނާއި ފުލުހުންނަށް އަދި އެ މީހުންގެ ޢާއިލާތަކަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތި ވެފައިވާކަމަށް ޔައުގޫބު ހުށައެޅުއްވި މައްސަލާގައި ވަނީ ވިދާޅުވެފައެވެ.