މާލެއާ ދުރުގައިވާ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ކުއްޔަށް ދޫކުރާ ބިންތަކުން ނަގާ ބިމު ކުލި ކުޑަކުރުމަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއަށް ފޮނިމީރުކަން ލިބިގަތުމަށް ތިބި ރަށްތަކުގެ ރައްޔިތުން ކުރަމުން ގެންދިޔަ ފޮނި އުންމީދުތައް ހާސިލުކުރުމަށް ހުޅުވުނު ތަނަވަސް ދޮރެއް ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޑީސީ) އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ލޯކަލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ގެންނަން ނިންމާފައިވާ ބަދަލުގެ ތެރެއިން އައްޑޫ އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނަގަން ނިންމާފައިވާއިރު ހއ އަތޮޅާއި ހދ. އަތޮޅުގައި ނަގަން ނިންމާފައިވަނީ އަކަމީޓަރަކަށް ދެ ޑޮލަރެވެ. އަދި ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު ނެގުމަށް ނިންމި އިރު، އެހެން އަތޮޅުތަކުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ ހަތަރު ޑޮލަރެވެ.

މި ބަދަލާ ގުޅިގެން އެމްއައިޓީސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ބައެއް ގަވާއިދުތަކުގެ ސަބަބުން، ސަރުކާރުން ދޫކުރާ ބިންތަކުގައި ލޯކަލް ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އެކި ރަށްރަށުގައި ޓޫރިޒަމް ޒޯނުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ކާމިޔާބުކަމާއެކު ފަތުރުވެރިކަމުގެ ވިޔަފާރިކުރިއަށް ގޮސްފައި ނުވަނީ، އެފަދަ ބިންތަކުން ސަރުކާރަށް ނަގާ ބިމު ކުއްޔާއި ލީސް އެކުއިޒިޝަން ކޮސްޓް ފަދަ ބޮޑެތި އެތައް ފީތަކެއްގެ ސަބަބުން، ވިޔަފާރި ފީސިބަލް ނުވެ އެފަދަ އެތައް މަޝްރޫއެއް މަޑުޖެހި ނުވަތަ މުޅިން ހުއްޓިފައިވުމުގެ ސަބަބުން ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެމްއައިޓީޑީސީގެ ފަރާތުން ކުރިއަށް ގެންދިއުމަށް އެކަށައެޅި އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ތަސައްވުރު ކާމިޔާބުކުރުމަށްޓަކައި ވެސް މިހާރު އަމަލުކުރަމުން އަންނަ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި ބައެއް ގަވާއިދުތަކުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

"އަދުގެ ހީވާގި އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވަގުތީ ގޮތުން ފަތުރުވެރިކަމުގެ ވުޒާރާ ހިންގެވުމާއި ހަވާލުވެވަޑައިގެން، ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ލޯކަލް ޓޫރިޒަމްގެ ދާއިރާއަށް މިގެންނެވި އިންގިލާބީ ހެޔޮ ބަދަލަކީ މިދާއިރާގެ ފޮނިމީރުކަން ލިބިގަތުމަށް ފެންބޮވައިގަނެފައިވާ އެތައް ރަށްތަކެއްގެ އެތައް ހާސް ރައްޔިތުން ކުރަމުން ގެންދިޔަ ފޮނި އުންމީދުތަކެއް ހާސިލްކުރުމަށް ހުޅުވިގެންދިޔަ ވަރަށް ތަނަވަސް ދޮރެކެވެ،" އެމްއައިޓީޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެކުންފުނިން ބުނީ، މާލެއާ ދުރު ރަށްރަށުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި ލޯކަލް ޓޫރިޒަމް ތައާރަފުކޮށް ފުޅާކުރުމަށް ކުރަން ހުރި މަސައްކަތްތަކަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކާއި ގޮންޖެހުންތައް، ވީހާވެސް އަވަހަކަށް ހައްލު ކުރެވި، މި ސަރުކާރުގެ "ރަށު ތަރައްގީގެ އިންޖީނު – މަގޭ ގެސްޓްހައުސް" މި ސިޔާސަތު ކާމިޔާބުކަމާއެކު ފުރިހަމަކުރެވި ތަންފީޒު ކުރުމަކީ އުންމީދެއް ކަމަށެވެ.