މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ ކަންކަން ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހަޅަންވާނެ ކަމަށެވެ.

އެ މުއްދަތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލުކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ކުރާ ފަރާތަކުން، އެ ކުންފުނީގެ މުދަލާއި، ފައިސާގެ ރިކޯޑުތަކުގެ ކޮންޓްރޯލް ނެގުމަށްފަހު އެ މުދަލާއި، ފައިސާގެ އަގުމަގު ކުރަންވާނެ ކަމަށް ފިނޭންސުން ބުންޏެވެ. އަދި ކުންފުނީގެ ދަރަނީގެ ހިސާބުތައް ދެނެގަނެ، ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަމާއި، ލިކްއިޑޭޝަން މަސައްްކަތްތައް ނިމުމާއެކު ކުންފުނި އުވާލުމުގެ މަރުހަލާ ފުރިހަމަކުރަންވާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އެމްއައިޓީޑީސީ އުވާލުމަށް ސަރުކާރުން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ބުނެފައިވަނީ އެމްއައިޓީޑީސީ އުވާލަން ނިންމީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެމްއައިޓީޑީސީ އުވާލުމަށްފަހު އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު ބުނެފައިވަނީ އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެހެން ބުނެފައިވަނީ އެމްއައިޓީޑީސީއާ ބެހޭ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، އެ ކުންފުނި އުވާލަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހަށް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލުމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ވަޒީރުންގެ މަޖިލީހުން ކަމަށެވެ. އެއީ ސީދާ އެ މިނިސްޓްރީން ހުށަހަޅައިގެން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެ ސިޓީގައި ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެމްއައިޓީޑީސީއަކީ އުފެދުނު ދުވަހުން ފެށިގެންވެސް އެކަށީގެންވާ ގޮތަށް ހިނގަމުންދާ ކުންފުންޏެއް ނޫން ކަމަށެވެ.

"އެހެންކަމުން ކުންފުނި ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކުންފުންޏަަކަށްވުމުން އެ ކުންފުނި އުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމަށް މުހިންމު ނިންމުމެއް،" ފިނޭންސް މިނިސްޓްރީގެ ސިޓީގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އެމްއައިޓީޑީސީ އުވާލަން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އެ ކުންފުނިން ދޭންޖެހޭ އެއްބާރުލުން ދިނުމަށާއި ކުންފުނި އުވާލުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ކުންފުންޏަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އެގޮތުން މިހާރު އެ ކުންފުނިން ކުރިއަށްގެންދަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރަން ހަވާލުކޮށްފައިވާ ބަރެސްދޫއާ ގުޅޭ ގާނޫނީ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ކުންފުނި އުވާލާއިރު އެތަނުގެ މުވައްޒަފުންނަށް ލިބިގެންދާނެ ގެއްލުންތަކަށް ހައްލު ހޯދަން މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.