މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް ކޯޕަރޭޝަން އުވާލަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ކެބިނެޓުން ފާސްކުރި ނިންމުންތަކުގެ ތެރޭގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެމްއައިޓީޑީސީ އުވާލުމަށްފަހު އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އަދި ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓުކޮށް ވިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި އެގްރޯނެޓް އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏަށް ބަދަލުކުރަންވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.