ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަި "ސަވާދީ ދަތުރު"ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްއައިޓީޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ.
"ސަވާދިއްތަ ދަތުރު" އޮންނާނީ އަންނަ މަހު ފަސްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ބޭރު ގައުމުތަކުގެ ޔޮޓުތަކުން ވެސް ބައިވެރިވާ މި ޔޮޓް ރެލީގެ ނަން، "ސަވާދީއްތަ ދަތުރު" ނިސްބަތްކޮށްފައި ވަނީ ބޮޑުތަކުރުފާނަށެވެ. އެމްއައިޓީޑީސީން އެ ޔޮޓް ރެލީ ބާއްވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.
ޔޮޓް ރެލީގައި ދަތުރުކުރާ ގިނަ ރަށްތަކަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ވާހަކަތަކާ ގުޅޭ އާސާރުތައް ހިމެނޭ ރަށްރަށެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ފަސް އަތޮޅެއްގެ 15 ރަށަކަށް ދިއުމަށް ހަމަޖެހިފައިވެއެވެ.
"ސަވާދީއްތަ ދަތުރު" ގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. އުތީމު، ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ށ. ފަރުކޮޅު، ށ. ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީއެވެ.
އެ ދަތުރުގައި ބައިވެރިވާ ފަތުރުވެރިންނަށް އެ ރަށްތަކުގެ ކައިރީގައި ހުންނަ ޑައިވިން ސަރަހައްދުތައް ޑައިވްކުރުމުގެ ފުރުސަތާއި އެ ރަށްތަކުގެ ތާރީހާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ފަތުރުވެރިން ތާރިހީ ތަންތަނަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު