މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމެޓީން ނެރުނު ރިޕޯޓު މަޖިލީހުން ފާސްކޮށްފި އެވެ.

އެ ރިޕޯޓު ފާސްކުރި މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެމްއެމްޕީއާރްސީީ ފާއިތުވި ހަތަރު އަހަރު ދުވަހު 229.7 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގަމުންދާކަން އެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަތަރު އަހަރު ވެސް އެ ކުންފުންޏަށް ފައިދާއެއް ނުވެއެވެ. އެންމެ ފަހުން އެ ކުންފުންޏަށް ސާފު ފައިދާއެއް ލިބުނީ 2020 ވަނަ އަހަރުއެވެ. އެއީ 214,115 ރުފިޔާއެވެ. ދެން ފައިދާވީ 2019 ވަނަ އަހަރުއެވެ.

ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި ކޮވިޑަށް ފަހު ކޮންމެ އަހަރަކު ވެސް އެ ކުންފުނި ހިންގަމުން ދިޔައީ ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެންނެވެ. އެގޮތުން މިދިޔަ ފަސް އަހަރު އެމްއެމްޕީއާރްސީއަށް ދައުލަތުގެ ބަޖެޓުން ބައި ބިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮވިޑަށް ފަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، 2023 ވަނަ އަހަރުއެވެ. އެ އަހަރު އެމްއެމްޕީއާރުސީ އަށް 23 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނެވެ. މިދިޔަ އަހަރުވެސް އެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނީ 22.3 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެއީ 2019 ގައި ލިބުނު 132.5 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅައި ބަލާ އިރު، 83 ޕަސަންޓުގެ ދަށްވުމެކެވެ.

އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު 22.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އަހަރު ނިންމާލައިފައިވަނީ 27.7 މިލިއަން ރުފިޔާ ގެއްލުމުގައެވެ.

embed-article:https://oneonline.mv/108139

އެ ރިޕޯޓާ ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކުންފުނީގެ މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަތަރު އަހަރު ތެރޭ ލިބުނު މާލީ ބޮޑު ގެއްލުމުގެ ސަބަބުން ކަމަށެވެ.