ޚަބަރު

އާޒިމް، ރޮޒެއިނާއަށް: ޑރ. ނިޔާފްގެ ވާހަކައަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުނުކޮށް، ޕީޖީ ގްރޫޕަށް ގެންނަވާ

އަލީ އަފާފު ރަމީޒު

ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުންގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދުކުރެއްވުމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ފާޑުވިދާޅުވެއްޖެއެވެ.

ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް އާންމުންގެ މަޝްވަރާ ހޯދުމަށް ރޭ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. ނިޔާފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައި ވިޔަސް އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބައްޔެއް ފެތުރެމުން ދާއިރު މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭ އިރު، ޒަމާނީ ވަސީލަތް ބޭނުން ނުކޮށް އެއް ތަނެއްގައި، ސެކިއުރިޓީ ނުލިބޭ ހާލަތެއްގައި ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މިސްކިތެއް ހުއްޓުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ތާއީދު ކުރައްވައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ނިޔާފްގެ ވާހަކަތަކަށް ތާއީދު ކުރައްވާ ކަމަށާއި އެކަންކަން ކޮމެޓީއަށް ހުށަހެޅި ބިލަށް އިސްލާހު ގެނެވިގެންދާއިރު އެކަންކަމަށް ބަހުސް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ރޮޒައިނާ ހިޔާލުފާޅުކޮށް ބަހުސް ކުރަން ވާނީ ސޯޝަލް މީޑިއާގައި ނޫން ކަމަށާއި އެކަމާމެދު ހިޔާލުފާޅުކޮށް ބަހުސް ކުރަން ޖެހޭނީ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގައި ކަމަށެވެ. އަދި މިއީ މަޝްހޫރުވާން އޮތް މުބާރާތެއް ނޫން ކަމަށާއި އަމިއްލަ އެޖެންޑާއަކަށް އެފަދަ ކަމެއް ކުރެވިގެންނުވާނެ ކަމަށް ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވައި ރޮޒައިނާ ވިދާޅުވީ، އެހިޔާލު ހުށަހަޅާފައިވަނީ ގަދަރުވެރި ޑޮކްޓަރެއް ކަމަށާއި އެ ހިޔާލަށް ތާއީދުކޮށްފައިވަނީ ގަބޫލުކުރެވޭ ހިޔާލަކަށްވާތީ ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ރޮޒައިނާއަށް ރައްދުދެއްވައިފައެވެ. އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި އެފަދަ ކަމަކަށް ހިޔާލުފާޅު ކުރެއްވިއިރު ރޮޒައިނާ ރަނގަޅަށް ބިލް ކިޔުއްވާފައި ނުވާ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ރޮޒައިނާ ވިދާޅުވީ، އިންތި ވަނީ ޑރ. ނިޔާފް ދެއްކެވި ވާހަކަތައް ރަނގަޅަށް އަޑު ނާއްސަވައި ކަމަށެވެ. އަދި ޑރ. ނިޔާފްގެ ހިޔާލަށް އެއްބަސްވެވުމުން ކުރެވުނީ ފާފައެއްތޯވެސް ވަނީ ސުވާލުކުރައްވައިފައެވެ.