މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑު 7 އަދި 8ގެ ކިޔެވުން އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 7 އަދި 8ގެ ކިޔެވުން އަންނަ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެޗްޕީއޭއާ މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މިހާރު ވިސްނަމުންމިދަނީ އޮގަސްޓުގެ ދެވަނަ ހަފުތާގެ ތެރޭގައި ގްރޭޑް ހަތެއް، އަށެއްގެ ކިޔެވުން މާލެ ސަރަހައްދުގައި ފައްޓަން،" އާތިޔާ ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވީ މާލޭގެ ސްކޫލުތަކަކީ ވަރަށް އާބާދީ ބޮޑު ސްކޫލުތައް ކަމަށްވުމުން އިތުރު ދެ ގްރޭޑެއްގެ ކިޔެވުން ފެށުމާއެކު ސްކޫލުތަކުގެ އެރޭންޖްމަންޓަށާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި ކިޔެވުން ކުރިއަށްގެންދާނީ މިހާރު ވެސް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވެސް ކުރިއަށްގެންދާ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ދެ ގްރޭޑު އަޔަސް އެގޮތަށް ކުރިއަށްދާނެ. މާނައަކީ ގައިދުރުކަން ވެސް ދެމެހެއްޓޭނެއޭ. ކުދިން އަންނާނީ ވެސް މާސްކު އަޅައިގެންނޭ. އަދި އަތްދޮވުމާއި ހުން ބެލުމާއި މިހުރިހާ ކަމެއް ވެސް މިހާރު ވެސް ކުރިއަށްގެންދާ ގޮތަށް ދެ ގްރޭޑު އިތުރުވިޔަސް ވެސް ކުރިއަށްގެންދެވޭނެ،" އޭނާ ވިދާޅުވިއެވެ.

އާތިޔާ އިތުރަށް ވިދާޅުވީ ހާލަތު ބެލުމަށްފަހު ބާކީ ހުރި ގްރޭޑުތަކަށް ވެސް މަޑުމަޑުން ފުރުސަތު ދެމުން ގެންދާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފަށާފައިވާއިރު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގުރޭޑް ނުވަޔަކުން މައްޗަށެވެ.

އޭގެ އިތުރުން ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ހާޒިރުވާން ޖެހޭއިރު ސްކޫލް މާހައުލުގައި ވެސް ވަނީ ގައިދުރުކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކުލާސްރޫމްގައި ތިބޭ ކުދިންގެ އަދަދު މަދުކޮށް، މޭޒުތައް އަތުރާފައިވަނީ ކޮންމެ ދެމޭޒެއް ދެމެދުގައި ތިން ފޫޓު ދުރުމިން ހުންނަ ވަރަށެވެ.

މާލޭގެ ސްކޫލުތަކުގެ ބައެއް ޓީޗަރުންނާއި ދަރިވަރުން އަދި ސްކޫލުތަކުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދާދި ފަހުން ވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ދަރިވަރަކާއި ދެ ޓީޗަރުން އަދި ޣާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލާއި ދަރުމަވަންތަ ސްކޫލުގެ މުވައްޒަފަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެ ކޭސްތައް ފެނުނު ނަމަވެސް އެއްވެސް ސްކޫލެއްގައި ކްލަސްޓާއެއްގެ ގޮތުގައި ކޮވިޑް ފެތުރިގެން ނުދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ބަލި އުޅޭ މިންވަރަށް ބަލާއިރު، ކޮންމެ ސްކޫލެއްގައި ވެސް އަދި އޮފީސްތަކުގައި ވެސް ބޭރު ތެރެއިން ބަލި ޖެހިގެން ދާ މީހުން ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.