ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ އަތޮޅުތަކުގައި ޓޫރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން އައްޑޫ އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓުތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި އެންމެ ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 800،000 ޑޮލަރު ކަމަށެވެ. އަދި ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އެންމެ ގިނަވެގެން ނަގާނީ އެއް މިލިއަން ޑޮލަރުގެ ކުއްޔެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި އަކަމީޓަރަށް ހަ ޑޮލަރު ނެގުމަށް ނިންމާފައިވާ ކަމަށާއި އެންމެ ގިނަވެގެން ނަގަން ހަމަޖެހިފައިވަނީ 1.5 މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި އެންމެ ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 400،000 ޑޮލަރު ކަމަށެވެ. ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށް ކަނޑައަޅާފައިވާ ކަމަށާއި އެންމެ ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 500،000 ޑޮލަރު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 800،000 ޑޮލަރު ކަމަށެވެ. އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.