އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރުގައި އެއް ދަނޑެއްގައި އަލުން ފަށާ އިރު، ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމުން) ކުރި ބިޑު ކާމިޔާބުކޮށްފިއެވެ.
ރާއްޖެ އިން މި ބިޑް ކާމިޔާބު ކުރިކަން އިއުލާނު ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައެވެ. ކޮވިޑް 19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރުގައި ބާއްވަން ބޭނުންވާ ގައުމުތަކަށް ފުރުސަތު ހުޅުވާލުމުން ރާއްޖެއިން ރަސްމީކޮށް ބިޑު ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
ރާއްޖެއިން ބިޑް ކާމިޔާބު ކުރިކަން އިއުލާނުކޮށް ކުރެއްވި ޓުވީޓެއްގައި ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕު 2020ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ފުރިހަމައަށް ކާމިޔާބުވެފައިވާ ކަމަށާއި އެ މެޗުތައް ވީހާވެސް ކާމިޔާބު ކަމާއެކު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ އެ މުބާރާތުގެ ދެވަނަ ބުރަށް ރާއްޖޭގެ ކުލަބެއް ދަތުރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު ހަތަރެއްގެ ނިޔަލަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭގޮތަށް މިހާރު ނިންމާފައިވާ އިރު، 13 ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދްރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ ވާދަކުރެއެވެ.
ކޮވިޑާ ގުޅިގެން އޭއެފްސީ ކަޕުގެ ކުޅުން މެދުކަނޑާލި އިރު، ކޮންމެ ޓީމަކުން ވެސް ވަނީ މެޗެއް ކުޅެފައެވެ. އެގޮތުން އިންޑިއާގައި ޗެންނާއީ ސިޓީ އާއި މާޒިޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ބަންގުލަދޭޝްގައި ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ބަލިވީ 5-1ގެ ނަތީޖާއަކުންނެވެ.
- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޯބަރު)
- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޯބަރު)
- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޯބަރު)
- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)
- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)
އޭއެފްސީ ކަޕްގެ މެޗުތައް ދެން ފަށާއިރު ޓީމުތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އަލުން ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ދޭން އޭއެފްސީން ނިންމާފައިވާ އިރު، ގިނަ ޓީމުތަކެއްގެ ބިދޭސީ ކުޅުންތެރިންނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް