މިމަހުގެ 18 ވަނަ ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއާޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭ ގޮތް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދަރިވަރުންނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބެލަރޫސް ސަރުކާރާއި ބެލާވިއާ އެއާލައިން އަދި ގަތަރު އެއާވޭސް އާއިއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީން ވާހަކަ ދައްކައި، މަޝްވަރާކޮށްފައިވާ ކަމަށެވެ. ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެނީ އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީންނެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ކުދިންގެ ތެރެއިން ތިން ކުއްޖަކު މިންސްކް–އިސްތަންބޫލް–ދޯހާ މަގުން މާލެ އައުމަށް ރޭ ފުރާފައިވާއިރު، ހަ ކުއްޖަކު މިންސްކް–މިލާން–ދޯހާ މަގުން މާލެ އައުމަށް މިއަދު ފުރާފައިވާ ކަމަށެވެ. އަދި ފަސް ކުއްޖަކު މިންސްކް–އެންސްޓަޑަމް–ދޯހާ މަގުން މާލެ އައުމަށް މިއަދު ފުރާފައިވާ ކަމަށާއި، ހަ ކުއްޖަކު މިންސްކް–އިސްތަންބޫލް–ދޯހާ މަގުން މާލެ އައުމަށް މާދަމާ ފުރާނެ ކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް އެޅިފައި ނުވާއިރު ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާ ކަމަށެވެ. ވިސާގެ ބައެއް އެރޭންޖްމެންޓް ތަކަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެއާލައިންތަކާ ގުޅައިގެން ފްލައިޓް ރޫޓްތަކުން ދަތުރު ކުރެވޭނެތޯ ކަށަވަރުކުރުން މުހިއްމު ކަމަށެވެ.
ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަމަންޓް، ޓިކެޓް ނެގުމުގެ ކުރިން ބަލަންވާނެ ކަމަށާއި ދަތުރުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމަކީވެސް މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭއިން ގާއިމްކޮށްފައިވާ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީ ވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު