ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ މޮޅުވިއިރު، ލަލީގާއިން ދޭ ޕިޗީޗީ އެވޯޑް ހަތް ވަނަ ފަހަރަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

ރޭ ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން 5-0 އިން ބާސެލޯނާ މޮޅުވި މެޗްގައި މެސީ ވަނީ ދެގޯލް ކާމިޔާބު ކޮށްދީފައެވެ. މިއާ އެކު މެސީ ވެގެން ގޮސްފައި މިވަނިީ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާ އަށެވެ. މެސީ ވަނީ ލީގުގައި މިހާތަނަށް 25 ގޯލް ކާމިޔާބު ކޮށްދީފައެވެ. މި ލިސްޓުގައި މެސީއާ އެންމެ ގާތުން ވާދަކުރާ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒިމާ ވަނީ 21 ލަނޑު ކާމިޔާބު ކޮށްފައެވެ. ތިން ވަނައިގައި ނިންމާލީ 18 ލަނޑު ޖެހި ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ އެވެ.

މެސީ މިމަގާމު ހޯދުމުގެ ކުރިން ރަންބޫޓް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް އޮތީ އެތުލެޓިކް ބިލްބާއޯ އަށް 1940/1950 ގެ އަހަރުތަކުގައި ކުޅުނު ޓެލްމޯ ޒަރާއާ އަތުގައެވެ. މިއީ މެސީ ޖެހިޖެހިގެން މި އެވޯޑް ހޯދި ހަތަރު ވަނަ ފަހަރެވެ. ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އެވޯޑް ތިން ފަހަރު ހޯދައިފައެވެ.

އެންމެ ގިނަ ލަނޑު ޖަހައި ރަން ބޫޓު މެސީ ހޯދި އިރު އޭނާ ވަނީ އެސިސްޓްގައި ވެސް އެއް ވަނަ ހޯދައިފަ އެވެ. މި ސީޒަންގައި އޭނާ ކުރި 21 އެސިސްޓަކީ ލަލީގާގައި ރެކޯޑެކެވެ. މީގެ ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓްކޮށްގެން އެ ރެކޯޑް ހަދާފައި ވަނީ ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ. އޭނާ ވަނީ 2008-09 ގެ ސީޒަންގައި 20 އެސިސްޓް ކޮށްފަ އެވެ.