މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމުން ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިރިން ބަލިވެއްޖެއެވެ.
ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދެނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވްއެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ މުބާރާތުގައި ވާދަކުރާނީ އެގައުމާއި ދެކުނު ކޮރެއާ އަދި ހޮން ކޮންގް ކަމަށެވެ.
އެ މުބާރާތް ޗައިނާގެ ޔިންޗުއާންގައި އޮންނާނީ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައި ކުރިއަށްދާ އިރު، މިއަދު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.
ރާއްޖޭގެ ހަމައެކަނި ގޯލް، މުހައްމަދު ސާދު ނިޒާރު ޖަހައިދިން އިރު، ކޮރެއާގެ ގޯލްތައް ޖެހީ ޖޮންގް ހޫންއާއި ޝިން ހާ އިލް، ލީ ހަން ވޫލްއެވެ. ވޫލް މެޗުގައި ދެ ގޯލް ޖެހި އިރު، ރާއްޖޭގެ އަހުމަދު ހަމީދު އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
ކޮރެއާއަކީ އޭޝިއަން ފުޓްސަލް ކަޕްގެ މިދިޔަ ތިން މުބާރާތުގައިވެސް ވާދަކުރި ޓީމެކެވެ. އެޓީމުން 2022، 2024 އަދި މިއަހަރު އޭޝިއަން ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، ކުރިން ކޮރެއާއަކީ އޭޝިއާގެ ވަރުގަދަ ގައުމެކެވެ. އެގޮތުން 1999 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ އޭޝިއަން ފުޓްސަލް ކަޕްގެ ފައިނަލުގައިވެސް ކޮރެއާ ވާދަކުރިއެވެ.
ރާއްޖެއަށް ދެން މުބާރާތުގައި މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހެނދުނު ރާއްޖެ ގަޑިން 10:30 ނުކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ކޮމެންޓް