ކޮރަޕްޝަން މައްސަލަައިގައި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުުގެ މައްޗަށް، ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ކޮށްލުމުން، އިސްތިއުނާފަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަތައް އެ ކޯޓުން ބަލައިގެންފިއެވެ.
ބޮޑު ހިޔާނާތާއި ގުޅިގެން އަދީބާ ދެކޮޅަށް ދައުލަތުން ހަތް ދައުވާއެއް އުފުލިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އެ ދައުވާތައް ބާތިލުކޮށް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ އަންގާރަދުވަހުއެވެ.
އެ ދައުވާތައް ކޯޓުން ބޭރުކޮށްލީ، ކުށަށް އިއުތިރާފު ވެ ދައުލަތާއެކު އަދީބު ވީ އެއްބަސްވުމަކީ ގާނޫނު އަސާސީއާއި ހިލާފު އެއްބަސްވުމެއް ކަމަށް ކޯޓުން ނިންމުމަށްފަހުގައެވެ.
ކޯޓުގެ ނިންމުމުގައި ވަނީ އަދީބަށް ބޭސްފަރުވާގެ ޝަރުތުކޮށް ކުށަށް އިއުތިރާފުވުން މަޖުބޫރުކޮށް އެއްބަސްވުން ހެދުމަކީ ޓޯޗާ ކުރުންކަމަށެވެ. އަދި އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކުރި ދައުވާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ އެ މި ނިންމެވުމާއި ގުޅިގެން އަދީބުގެ އެ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމުގެ އިތުރުން، ގާޒީގެ މައްސަލަ ޖޭއެސްސީއަށް ވެސް ހުށަހަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން ޖޭއެސްސީން ވަނީ ދެ މަސްދުވަހަށް ގާޒީ ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ބުނީ ޣާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަން ބޮޑު ގޮތެއްގައި ކަނޑައެޅިގެން ހިލާފަށް އޭނާ އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު