އެންމެ ކުއްޖެއް ރިހެބިލިޓޭޓުކޮށް، ކުށް ކުރުމުން ދުރުކުރަމަކީ ޖީލުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާ (ޓެކްނިކަލް އެސިސްޓަންސް ނީޑްސް އެސެސްމެންޓް އިން ދި އޭރިއާ އޮފް ޖުވެނައިލް ޖަސްޓިސް ފޯ ޗިލްޑްރަން)ގެ ހޯދުންތައް ހުށަހެޅުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމަށް ފޮނުއްވި ސްޓޭޓްމަންޓްގައެވެ. މިނިސްޓަރު އިމްރާންގެ ފަރާތުން ސްޓޭޓްމަންޓް ހުށަހެޅުއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ.

ސްޓޭޓްމަންޓްގައި މިނިސްޓަރު ވަނީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާގެ އަލީގައި ނިޒާމުގެ ތެރެއިން ހުރި ހުސްކަންކަމާއި، ގޮންޖެހުންތަކާއި ބޭނުންތައް އަދި ފުރުސަތުތައް ދެނެގަނެވޭނެކަން ފާހަގަކުރައްވައިފައެވެ. އަދި ކުޑަކުދިންގެ އަދުލު ގާއިމުކުރުމުގެ މަސްލަހަތު ހިއްސާކުރާ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަކިވަކި މުއައްސަސާތަކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އެއް ނިޒާމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ހުރި މަގުސަދުތައް ހާސިލުކުރުމަށް އެ މަސައްކަތުން ފަހިކޮށްދޭނޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާ މުއައްސަސާތަކާއި ޖުޑީޝަރީން ގުޅިގެން މަސައްކަތްކުރަންވާނީ، ޖިނާއީ އަދުލުގެ ނިޒާމުން ކުޑަކުދިން ބޭރުކުރުމަށް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކުށްކުރާ ކުދިންނާމެދު ދެކޭ ގޮތް ބަދަލުކޮށް، އެކުދިން ކުށުގެ ވެށިން ދުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މައްސަލައެއް ފެންމަތިވުމުން ހައްލެއް ހޯދަން އުޅުމުގެ ބަދަލުގައި މައްސަލައެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިނިސްޓަރު އަލިއަޅުއްވާލައްވާފައިވެއެވެ.

މިނިސްޓަރު އިމްރާން ވަނީ، ކުޑަކުދިން ކުރާ ކުށްތަކާ ބެހޭގޮތުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޑަކުދިން ހިމެނޭނޭހެން ދިރާސާތައްކޮށް، އެއްކުރެވޭ މައުލޫމާތުގެ އަލީގައި ސިޔާސަތުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަރައްގީކުރުމަކީ މުހިންމު ކަމެއްކަމުގައި ފާހަކުރައްވައިފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވުމާއި، އާއިލާ ތެރެއިން އެފަދަ މައްސަލަތައް ފެންމަތިވުމަކީ ބޮޑު މައްސަލައެއް ކަމަށާއި މިކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވަނީ ޔޫއެންއޯޑީސީއާއި، ޔުނިސެފް ފަދަ ޖަމާއަތްތަކުން މެދުކެނޑުމެއްނެތި ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. މިއަދުގެ މި ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާގައި މަސައްކަތްކުރައްވާ 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.