އެއްވެސް ފަރާތަކަށް ސިޓިޒަންޝިޕް ދިނުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތު އޮޅުން ފިލުއްވުމަސް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުންކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލިސް ރައީސް ބިލަށް އެ އިސްލާހު ގެންނައުމަށް އެދިވަޑައިގެންނެވުމާ ގުޅިގެން ސޯޝަލްމީޑިއާ އާއި އެތަން މިތަނުގައި އެމަނިކުފާނަށް ވަރަށްބޮޑެތި ފާޑުކިއުންތަކެއް ކުރިމަތިވިއެވެ.
އޭގެ ތެރޭގައި ވިސާ ދިނުމުގެ އުސޫލު ބަދަލު ކުރައްވައިގެން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، މިސަރުކާރުން ބިދޭސީންނަށް ސިޓިޒަންޝިޕް ހޯއްދަވައި ދެއްވުމުގެ އިތުރުން އެހެންދީންތަކަށް ފުރުސަތު ދިނުމުގެ މަގު ފަހި ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ދިވެހި ރައްޔިތުކަން އެއްވެސް ބަޔަކަށް ދިނުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ދިވެހި ރައްޔިތެއްކަން އެއްވެސް ބަޔަކަށް ދިނުމަކަށް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ބޭރު މީހުންނަށް ރައްޔިތުކަން ދެވޭގޮތަށްއޮތް ގާނޫނެއް މިހާރުވެސް އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ވަކި އުސޫލުތަކަކާއި ޝަރުތުތަކެއް ހިމެނިފައި އޮންނަ ގާނޫނެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގާނޫނަކީ މޮޑަނައިޒްކޮށް ބަދަލު ގެންނަންޖެހޭ ގާނޫނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ވަކި ގައުމެއްގެ ބަޔަކު އައުމާއި ނައުމެއްނޫން ކަމަަށާއި، ރާއްޖެ ތަރައްގީކުރުން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު