އިޒްރޭލްވެސް ގައުމެއްގެ ގޮތުގައި އޮތުމާއި އަދި ފަލަސްތީނުވެސް ގައުމެއްގެ ގޮތުގައި އޮތުމަކީ، ޒަމާނުއްސުރެ ފެށިގެންވެސް ދިވެހިން ދެކެމުން އައި ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހެށަހެޅި ގަރާރާ ގުޅިގެން ވާހަކަ ދައްކަަވަމުންނެވެ.

އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އިސްރޭލް ސަރުކާރުން ފަލަސްތީނުގެ އިތުރު ބިން އިޒްރޭލްގެ ބިމުގެ ގޮތުގައި ކަނޑައެޅުމަށް ދާދި ފަހުން ދިން އިންޒާރުގެ މައްސަލައާ ބެހޭގޮތުން ބައިނަލް އަގުވާމީ މަސްރަހުގައި ބަހުސް ކުރެވިގެންދިޔަ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ބައެއް ގައުމުތައް، ހާއްސަކޮށް ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތް އެކަމުގައި އިޒްރޭލާ އެއްބަސް ނުވުމުން އެކަން ވަރަށް ބޮޑަށް ވަޅުޖެހިގެން ހިނގައްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖެ އާއި އިޒްރޭލާ އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައި ނުވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ ގުޅުން ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާބެހޭ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.