ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިޔުނިކޭޝަންސް އަހުމަދު ފަޒީލް އޮފީހުގެ މަސައްކަތުން ސަސްޕެންޑް ކޮށްފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ފަޒީލްގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަތައް ރައީސް އޮފީހުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ފަޒީލް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަހުމަދު ފަޒީލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއްގެ ވާހަކަތަކެއް ސޯޝިއަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް އެކި ކަހަލަ ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެކަމާ ގުޅޭ ބައެއް ސްކްރީން ޝޮޓްތައް ވެސް ވަނީ އާންމު ވެފަ އެވެ.

ފަޒީލް އަށް ތުހުމަތު ކުރެވޭ މި ފަދަ ސީރިއަސް މައްސަލަތަކެއް ފެންމަތި ވި އިރު، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް، (އެމްއާރްއެމް) އިން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. ފަޒީލް ސަރުކާރުގެ ވަޒީފާގައި ހުރީ ވެސް އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ. އެ މައްސަލަ ބަލައި ނިމެންދެން ޕާޓީގެ ހަރަކާތްތަކުން ފަޒީލް އެކަހެރިކޮށްފައި ވާ ކަމަށް ވެސް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު، ހޫދު "ވަން" އަށް ވިދާޅުވީ ފަޒީލް ވަޒީފާއިން ސަސްޕެންޑްކޮށް އޭނާއަށް އެކަން އަންގާފައި ވަނީ އިއްޔެ ކަމަށެވެ.