ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާ ތުހުމަތުތަކަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހުން މިރޭ ނުކުމެވަޑައިގެން ނޫސްވެރިންނަށް ދިން އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހިތާމަކުރައްވާ ކަމަށާއި މި މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ އިންސާފުވެރިކަމާއެކު މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ރޭވިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑު މައްޗަށް އެކުރާ ތުހުމަތުތަކަށް އަޅުގަނޑު އިންކާރުކުރާ ކަމަށް. މިއީ ސިޔާސީ ނުފޫޒެއް އޮވެގެންވާ މައްސަލައެއް. މިކަމުގެ ތަހުގީގު ނިމިގެންދިޔައީމަ އަޅުގަނޑު ދެކޭގޮތުގައި ސާފުވެގެންދާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ފުލުހުން ކުރި ހުރިހާ ސުވާލަކަށް ޖަވާބުދީފައިވާނެ ކަމަށާއި ހަނު ނުހުންނާނެ ކަމަށެވެ. މީގެ ކުރިންވެސް އެކި ސިޔާސީ ކަންކަމާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރުމުން ހަނު ހުރުމެއްނެތި ހުރިހާ ސުވާލަކަށް ޖަވާބުދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް އިހުތިރާމު ކުރައްވާ ކަމަށާއި ފުލުހުންގެ މުއައްސަސާއިން އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ރައީސަށް ވެސް ސާފުވެގެން ދިއުން އެދޭ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މި ވެރިކަން ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެހެން ޕާޓީއެއް ނުވަތަ ސިޔާސީ ހަޔާތާ މެދު އަދި ނުވިސްނަވާ ކަމަށެވެ. މިވަގުތު ވިސްނުން ހުރީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވި، މައްސަލައިގެ ކަންކަން ސާފުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އެއްވެސް މަގާމަކުން އިސްތިއުފާ ދެއްވާފައި ނުވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައަކީ ގަބޫލު ކުރެވޭ ކަންކަން ނުވާތީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އޭނާ ކުރެއްވި ހުރިހާ ކަމެއް ކުރެއްވީ އިހުލާސްތެރިކަމާއެކު ކަމަށާއި ރައްޔިތުން އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވިއެވެ.