ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު މޫސާ އަލީ ކަލޭފާނު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މޫސަ އިސްތިއުފާދެއްވިކަން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހިމް ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

މޫސަ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް މޫސަ އައްޔަންކޮށްފައިވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ 2015 އޯގަސްޓް 27 ވަނަ ދުވަހުއެވެ.

މޫސަގެ މައްޗަށް ތުހުމަތުކުރެވެނީ 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި އޭނާ ހުންނަވަނިކޮށް، އެ ސެންޓަރުގެ 1.4 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލައެވެ.

އޭނާގެ އިތުރުން އެޗްއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރުމަށް ވެސް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ޒާހިދާއި މޫސަ މަގާމުން ވަކިކުރަން އެދި ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ، އެ ދެބޭފުޅުން ވަކިކުރަން ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބެލުންތަކުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު އަދާކުރުމުގެ ގާބިލުކަން އެ ދެބޭފުޅުންގެ ކިބައިގައި ނެތްކަމަށް ފާހަގަ ކުރެވޭތީ ކަމަަށެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަނިކޮށް އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސާއި މެންބަރު އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.