ކުޅިވަރު

ވޮލީ: ރާއްޖޭގެ ދެވަނަ ކުޅިވަރު، ކުޅޭނެ ތަނެއް ނެތި ކުޅުންތެރީން މާޔޫސްވެފައި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ދެވަނަޔަށް އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރު ކަމަށްވާ ވޮލީ ބޯޅަ ކުޅޭނެ އިންޑޯއެއް ނެތުމުގެ ޝަކުވާއަކީ ވޮލީ ކުޅޭ ކުޅުންތެރިންގެ ބޮޑު ޝަކުވާއެކެވެ. އެންމެ ކުޑަމިނުން ގައުމީ ޓީމްތައް ފަރިތަކުރާނެ އިންޑޯ ހޯލެއްވެސް ވޮލީއަށް ހާއްސަކޮށް ހަދާފައެއް ނެތެވެ. ވޮލީ މުބާރާތްތަކާއި ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިޔަށްގެންދަނީ މާލޭގެ ޔޫތު ސެންޓަރުގައެވެ.

އެތަނަކީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެތައް ކުޅިވަރަކަށް ހާއްސަކޮށްގެން ހިންގާ ތަނެއްކަމުން ކޮންމެ އަހަރެއްގެ މުބާރާތްތައް ބާއްވަން ޖެހެނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭ ކުޅެ ނިންމާލާ ގޮތަށެވެ. އެއީ އެހެން ކުޅިވަރުތަކުގެ މުބާރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެހާ ކުރު މުއްދަތެއްގައި މުބާރާތް ކުޅެ ނިންމައިލަން ޖެހޭތީ މުބާރާތްތަކުން ބޭނުންވާ އަސްލު މަގުސަދު ހާސިލު ނުވާކަމަށް ގިނަ ކުޅުންތެރިންނާއި ކޯޗުން ގަބޫލު ކުރެއެވެ.

ނަމަވެސް އެނޫން ގޮތެއް ނެތެވެ. މުބާރާތް ޔޫތު ސެންޓަރުގައި ބާއްވަން ބޭނުން ނަމަ ކޮންމެ މުބާރާތެއް 10 ވަރަކަށް ދުވަސްތެރޭ ބާއްވައި ނިންމައިލަން ޖެހޭނެއެވެ. އެހެން ބައެއް ކުޅިވަރުތަކަށް ބަލާއިރު، އެކުޅިވަރުތައް ކުޅެން ހާއްސަތަން ތަން ގާއިމުކޮށްފައިވާއިރު، ރާއްޖޭގެ ދެވަނައަށް އެންމެ ގިނަ މީހުން އެކުޅިވަރަކަށް ޝައުގުވެރިވާ ވޮލީ ބޯޅައަށް ހާއްސަ ތަނެއް ނެތުމުގެ ވާހަކައަކީ އެތައް އަހަރަކުއްސުރެ ދައްކަމުން އަންނަ މުސްކުޅި ވާހަކައެކެވެ.

އިންޑޯ އެކަންޏެއް ނޫނެވެ. ޒުވާނުން ކުޅެލަންދާނެ ރަނގަޅު ފެންވަރުގެ އައުޓްޑޯ ކޯޓެއްވެސް ނެތެވެ. މީގެ ކުރިން ވޮލީއަށް ހާއްސަކޮށްގެން ވިލާ ކޮލެޖް ކުރިމަތީގައި އޮތް ހުސް ބިމެއްގައި 3 ކޯޓު ގާއިމު ކުރިއެވެ. ނަމަވެސް އެތަންވެސް އެކި އެކި ސަބަބުތަކާ ހެދި ވީރާނާ ވެ ދިޔައީއެވެ. އަދި އެންމެ ކުރީއްސުރެ ޒުވާނުން ވޮލީ ކުޅެމުން އައީ މާލޭގެ ބަސްޓާމިނަލް ކުރިމަތީ މޭރީބްރައުން ޖެހިގެން އޮތް ވޮލީ ކޯޓުގައެވެ. އެބިންވެސް މިހާރުވަނީ ޓެނިސް އެސޯސިއޭޝަނާއި ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް ދީފައެވެ.

އެތަން ނެގުމަށްފަހު ޒުވާނުން ވޮލީކުޅެން ތަނެއް ދިނެވެ. ނަމަވެސް އެއީ ޖާގައިގެ ގޮތުން އެހާމެ ކުޑަ ތަނަކަށް ވުމުން ގިނަ ބަޔަކު ދިޔައީ އެކަމާ ހިތްހަމަނުޖެހި އެވާހަކަ ދައްކަމުންނެވެ. ވޮލީ ކުޅޭނެ ތަން ނެތުމުގެ ޝަކުވާއާއެކު ދާދި ފަހުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ "ރުމާލު 2" ޖަގަހަ ހުރި ބިމުގައި ވަގުތީ ވޮލީ ކޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ، ދަރުމަވަންތަ ސްކޫލު އެޅުމަށް ވޮލީ ކޯޓުތައް ނަގަން ޖެހުމާ ގުޅިގެން ވަގުތީ ގޮތުން ތިން ވޮލީކޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ވޮލީއަށް ހާއްސަކުރެވިފައިވާ އެބިމުގައި ފެންވަރު ރަނގަޅު އިންޑޯ ކޯޓުތަކެއް ވީ އެންމެ އަވަހަކަށް އެޅުމަށް ރޭވިފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން މިދިޔަ މަހުގެ 10 ވަނަ ދުވަހު "ވަން"އަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ، ވަގުތީ ކޯޓުތަކުގެ މަސައްކަތް ހަފުތާއެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އިންޑޯ ކޯޓުތަކުގެ މަސައްކަތް ކޮވިޑުގެ ކަންކަން ހަމަޔަކަށް އެޅުމުން ފަށާނެ ކަމަށެވެ.

"ވަގުތީ ކޯޓުތަކުގެ މަސައްކަތް އަޅުގަނޑުމެން މިބަލަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

ވަގުތީ ވޮލީ ކޯޓު ހަފްތާއެއް ތެރޭ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް 39 ދުވަސް ނިމިގެން ދިޔަ އިރުވެސް "ރުމާލު 2" ޖަގަހަ ހުރި ބިން ސާފު ކުރުން ފިޔަވައި އިތުރުކަމެއް އެތަނުގައި ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖޭގެ ވޮލީ ޓީމް ތަކުން މިހާރަކަށް އައިސް ގިނަ ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ. ހަމަ އެއާއެކު އެންމެ ގިނަ ސަޕޯޓަރުންވެސް މިހާރަކަށް އައިސް މެޗްތައް ބަލަން ވަންނަ ކުޅިވަރަކީ ވޮލީކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ޒުވާނުން މި ރޮނގުން ކުރިއަރައި ދިއުމަށް އެކުޅިވަރު ކުޅޭނެ ވަސީލަތްތައް އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ގާއިމު ކުރަން ޖެހެއެވެ. އަދި އެކަން ކުރަން މިހާރު މާ ލަސްވެސް ވެއްޖެއެވެ.