ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ކަސިއަސް ރެއާލްގައި 16 އަހަރު ހޭދަކުރުމަށްފަހު، 2015 ވަނަ އަހަރު އޭނާ ރެއާލް ދޫކޮށްލީ އެޓީމުގެ އޭރުގެ ކޯޗު ހޯސޭ މޮރީނިއޯގެ އިތުރުން ކްލަބުގެ މެނޭޖުމަންޓާ ޖެހުނު މައްސަލައަކަށް ފަހުއެވެ.
އޭގެ ފަސް އަހަރު ފަހުން ކަސިއަސް ރެއާލް މެޑްރިޑާ ގުޅުމުން މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޕެރޭޒްގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސީ މުސްތަގުބަލުގައި ކަސިއަސްއަކީ ސްޕެއިންގެ ފުޓުބޯޅައިގައި ނުފޫޒު ގަދަ މީހަކަށް ވާނެތީ އާއި އޭނާ އަކީ ރެއާލްގެ ހާލަތު ދަންނަ މީހަކަށް ވުމުންނެވެ.
އުމުރުން 39 އަހަރުގެ ކަސިއަސް ކުޅެމުން އައި ކްލަބް ޕޯޗުގަލްގެ ޕޯޓޯގެ ޕްރެކްޓިސްގައި ހުއްޓައި މިދިޔަ އަހަރު މެއި މަހު ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދާފައިވާއިރު، އޭގެ ދެ މަސް ފަހުން އަލުން ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، އެހާ ބޮޑަށް ކުޅުމުގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
2010 ވަނަ އަހަރު ސްޕެއިނުން ވޯލްޑް ކަޕް ތަށި އުފުލާލި ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ކަސިއަސް ވަނީ ސްޕެއިންއާއެކު ދެފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލްއާއެކު 19 ތަށި ހޯދުމުގައި އެޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިއުލާން ކުރުމަށްފަހު ކަސިއަސް ވަނީ ކޮވިޑް19 ގެ ސަބަބުން ކެމްޕެއިންކުރަން ވަގުތު ނުވާނެ ކަމަށް ބުނެ ފަހުން އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު