އެއްވެސް ސްކޫލެއްގައި ކްލަސްޓާއެއްގެ ގޮތުގައި ކޮވިޑް ފެތުރިގެން ނުދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުތަކުގައި މަސައްކަތްކުރާ މީހުން ނުވަތަ ސްކޫލަށް ދާ ކުދިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވާ ކަމަށް މައުލޫމާތުތައް ފެތުރެމުންދާތީ ބައެއް މީހުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

"އެއްވެސް ސްކޫލެއްގައި މިވަގުތަކު، ސްކޫލެއްގެ ތެރޭގައި ބަލީގެ ކްލަސްޓާއެއް ނެތް. އެއް ސްކޫލަކުން އެކަކަށް ވުރެ ގިނަ މީހުން ފާހަގަކުރެވިފައި ހުރި ތަންތަނުގައި ވެސް ހުރީ ތަފާތު ކޭސްތަކާ ގުޅިގެން ކޮންޓެކްޓު ވެގެން ޕޮޒިޓިވްވެފައި ތިބި މީހުން. އެއިން އެއްވެސް ފަރާތެއް އެކަކު އަނެކަކާ ބައްދަލުވެ، އެކަކު އަނެކަކުގެ ކޮންޓެކްޓަކަށް ވެފައެއް ނެތް. އެއްވެސް ސްކޫލެއްގައި ކްލަސްޓާއެއްގެ ގޮތުގައި ބަލި ފެތުރިގެންނެއް ނުދޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ބަލި އުޅޭ މިންވަރަށް ބަލާއިރު، ކޮންމެ ސްކޫލެއްގައި ވެސް އަދި އޮފީސްތަކުގައި ވެސް ބޭރު ތެރެއިން ބަލި ޖެހިގެން ދާ މީހުން ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.

ދާދި ފަހުން ވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ދަރިވަރަކާއި ދެ ޓީޗަރުން އަދި ޣާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލާއި ދަރުމަވަންތަ ސްކޫލުގެ މުވައްޒަފަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފަށާފައިވާއިރު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގުރޭޑް ނުވަޔަކުން މައްޗަށެވެ.

އޭގެ އިތުރުން ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ހާޒިރުވާން ޖެހޭއިރު ސްކޫލް މާހައުލުގައި ވެސް ވަނީ ގައިދުރުކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކުލާސްރޫމްގައި ތިބޭ ކުދިންގެ އަދަދު މަދުކޮށް، މޭޒުތައް އަތުރާފައިވަނީ ކޮންމެ ދެމޭޒެއް ދެމެދުގައި ތިން ފޫޓު ދުރުމިން ހުންނަ ވަރަށެވެ.