މިއަދު ކުރި ވިއްސާރައިގައި ދ. މާއެނބޫދޫއަށް ވަރަށް ބޮޑަށް އުދަ އަރައި ރަށު ތެރޭގައި ލޮނުގަނޑު ހެދިއްޖެ އެވެ.

މާއެނބޫދޫ ކައުންސިލްގެ ރައީސް އިބްރާހިމްސިރާޖު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް އެރި އުދައިގައި، ގެތައް ފަނހަނައަޅައި ހާހެއްހާ ފޫޓަށް ރަށުތެރެއަށް ލޮނުގަނޑު އެރި ކަމަށެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް ގެޔަކަށްވެސް އެހެން ތަނަކަށްވެސް ބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، ގެއްލުންވާ ވަރަށް އުދަ ނޭރީ، ހުޅަނގު ފަރާތުގައި ޖަހާފައި ހުރި ޖިއޯ ބޭގްގައި ޖެހި ކޮންމެވެސް ވަރަކަށް ކޮންޓްރޯލު ވެގެން ރަށު ތެރެޔަށް އުދަ އަންނާތީ ކަމަށެވެ.

އުދަ އަރަ ންފެށީ މެންދުރު 12 ޖަހާ އެހާކަންހާއިރު ކަމަށާއި، ނަމަވެސް ހަވީރު އަތަށް އަޅައިލިއިރު، މޫސުމާއި ދިޔަވަރަށް އައި ބަދަލާ ގުޅިގެން އުދައެރުން ހުއްޓިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެ ރަށަކީ އާއްމުކޮށް އުދަ އަރާ ރަށެއް ނޫން ކަމަށާއި އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލާ ގުޅިގެން ބައެއް ފަހަރު އުދަ އަރާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެރި އުދައިގައި، ބައެއް ގަސްގަހާއި ގެއްސަށް ވެސް ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މާއެނބޫދޫއަށް އުދަ އަރާފައިވާއިރު ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް އުދަ އަރާނެކަމަށް ލަފާ ކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ.

މިއަދު ހެނދުނު 10:45 އިން ހަވީރު 15:00 އާ ދެމެދަށް ނެރެފައިވާ ވައިޓް އެލާޓް ގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑު ގަދަވާ ވަގުތުތަކުގައި ރާއްޖޭގެ އުތުރުން ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ހުރިހާ ރަށްތަކަށް ވެސް އުދަ އަރައިފާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.

"ވަން" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިއަދު އެރި އުދައިގައި މާއެނބޫދޫގެ މަގުތަކުގައި ވެސް އޮތީ ވަރަށް ބޮޑަށް ލޮނުގަނޑު ހެދިފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރީންވެސް މާއެނބޫދޫ ހުޅަނގު ފަރާތުން ވަރަށް ބޮޑަށް އުދަ އަރައިފައި ވެއެވެ. އެ ދުވަހު ހެލްތު ސެންޓަރަށް ލޮނު ވަންނާތީ އެތަނުގެ މުވައްޒަފުންނާއި އާންމުން ނުކުމެ ވެލިބަސްތާ ޖަހައިފައި ވެއެވެ.