ޓުއަރިޒަމް

އަހަރެމެންގެ ހުވަފެނަކީ ރާއްޖެ، އަންނަން ބޭނުންވީ ރާއްޖެއަށް، ސޭފްޓީއަށް 100 ދެން: ފުރަތަމަ ފަތުރުވެރީން

މުހައްމަދު ސިމާއު

"ވޭތުވެދިޔަ ހަތް އަހަރުވެސް އަހަރެމެން އައީ ރާއްޖެއަށް. އެކި ރިސޯޓްތަކަށް. ކޮވިޑާ ގުޅިގެން މިއަހަރު ރާއްޖެ ނާދެވިދާނެ ކަމަށް ތިބީ. އަހަރެމެންގެ ހަޔާތުގައި ވެސް އަންނަން ބޭނުންވަނީ ރާއްޖެ. އިތުރު މަންޒިލަކަށް ދާކަށް ބޭނުމެއް ނުވި. ބޯޑަރު ހުޅުވިކަން އެނގުމުން އަވަހަށް މިއައީ،"

މިއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ހުޅުވައިލުމާއެކު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންގެ ތެރޭގައި ހިމެނެނު ޔުކްރެއިންގެ ދެމަފިރިޔަކު ރާއްޖެ އާދެވުމުން އެމީހުން "ވަން" އާ ހިއްސާކުރި އިހުސާސްތަކެވެ. ޔުކްރޭނުން ރާއްޖެއަށް ކުރި ދިގު އަދި ވަރުބަލި ދަތުރަށްފަހު ވެސް އެމީހުންގެ ހަޔާތުގެ މަންޒިލަށް އާދެވުމުން ތިބީ ހިނިތުންވެފައެވެ. އުފަލުންނެވެ.

މިއީ ބޯޑަރު ހުޅުވައިލުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓް، ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުން ރާއްޖެ އައި 104 ފަތުރުވެރިންގެ ވެސް މޫނު މަތިން ފެނުނު މަންޒަރެވެ. ވެފައި ތިބި ވަރުބަލިކަން ހަނދާންނެތި، އެންމެން ވެސް ތިބީ އުފާވެރިކަންމަތީގައެވެ. އެއާޕޯޓްގެ އެރައިވަލް ގޭޓު ކައިރިން ވެސް ފެނުނީ ރާއްޖެ އާދެވުމުން ލިބުނު ކާމިޔާބީ ފާހަގަކުރަމުންދިޔަ ތަނެވެ. ލޯބިވެރިންނާއި ދެމަފިރިންނެވެ. ކުޑަކުދިންނާއެކު އާއިލާތަކެވެ. އޭގެ އިތުރުން ރާއްޖޭގެ ގޮނޑުދޮށްތަކުގަ އާއި ރާޅުތަކުގައި ބީހިލަން ކެތްމަދުވެފައި ތިބި ރާޅާއެޅުންތެރިން ވެސް އެފްލައިޓުގައި ރާއްޖެ އައެވެ.

"ވަން" އަށް އިންޓަވިއު ދިން ޔުކްރެއިންގެ މެދުއުމުރުގެ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ބުނި ގޮތުގައި، އެމީހުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާކަން އެނގުނީ އިންޓަނެޓުންނެވެ. ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި އެމީހުން ރާއްޖެ އަންނަ ކަމަށާއި އަންނަ ކޮންމެ ފަހަރަކު ދެ ހަފްތާ ރާއްޖޭގައި ހޭދަކުރާ ކަމަށް އޭނާ ބުންޏެވެ.

"ކޮވިޑްގެ ކުރިން ފެށިގެން އަހަރެމެން ރާވަމުން ދިޔައީ ރާއްޖެ އަންނަން. ހަމައެކަނި ރާއްޖެއަށް. އެއީ އަހަރެމެންގެ ހުވަފެނަކީ،" ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އައި ޔުކްރެއިންގެ އަންހެން މީހާ ބުންޏެވެ. ކޮވިޑާ ގުޅިގެން އެއާޕޯޓްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން އޭނާ ބުނީ، އެކަންކަމާމެދު އެމީހުން ހިތްހަމަޖެހޭ ކަމަށާއި އެއްވެސް އުނދަގުލެއް ކުރިމަތި ނުވާ ކަމަށެވެ.

ރާއްޖޭގެ ރީތިކަން ފުރަތަމަ ފަހަރަށް ތަޖުރިބާކުރަން އައި ސްޕެއިންގެ ދެ ލޯބިވެރިން ބުނި ގޮތުގައި، ކޮވިޑުގެ ކުރީއްސުރެ އެމީހުން ރާއްޖެ އަންނަން ދިޔައީ ރާވަމުންނެވެ. ދިގު އިންތިޒާރުގެ ނިމުން އެންމެ ފަހުން ނިމުމަކަށް އައުމުން، އެކަމާމެދު އުފާވެފައިވާ ކަމަށް ބުންޏެވެ.

"ރާއްޖޭގެ ބޯޑަރުތައް ހުޅުވިކަން އަހަރެމެންނަށް އެނގުނީ ޓުވިޓާއިން. ރާއްޖޭގެ ސޭފްޓީއަށް އަހަރެން ދޭނީ 100 ޕަސެންޓް. އަހަރެމެން ވަރަށް ހިތްހަމަޖެހޭ. އަދި ރައްޓެހިން ގާތު ވެސް ރާއްޖެ އަންނަން ބުނާނަން،" ފޭސް ޝިލްޑް އަޅައިގެން ތިބި ދެ ލޯބިވެރިންގެ ތެރެއިން ފިރިހެން މީހާ ވަން އަށް ބުންޏެވެ.

ރާއްޖެ އައުމަކީ ގިނަ ބައެއްގެ އުންމީދެކެވެ. ހާއްސަކޮށް ކޮވިޑްގެ ތެރޭގައި އިންޓަނެޓަށް ވަދެ އެންމެ ގިނަ ބަޔަކު ހޯދައި ބެލީވެސް ރާއްޖެއެވެ. އެގޮތުން އަންނަ އަހަރު ޔޫރަޕްގެ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީއަށް ދާން ބޭނުންވަނީ ރާއްޖެއަށް ކަމަށް ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އޮޕަރޭޓަރެއް ކަމަށްވާ ކޯނި ގޫގުލް މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން އެންމެ ގިނަ އަދަދަކަށް މައުުލޫމާތު އޮޅުންފިލުވާފައިވާ މަންޒިލްތަކުގެ މައުލޫމާތު އެއްކޮށްގެން ހެދި އެ ދިރާސާގައި އިނގިރޭސިވިލާތް، ޕޮލެންޑު، ރޮމޭނިއާ، ބަލްގޭރިއާ އަދި އިޓަލީ މީހުން އެންމެ ގިނަ އަދަދަކަށް މައުލޫމާތު އޮޅުން ފިލުވާފައިވަނީ ރާއްޖެއާ ގުޅޭ ގޮތުންނެވެ.

ކޮންޑެނާސްޓް ޓްރެވަލާސް އިން އިންޑިއާގައި ހެދި ސާވޭއަކުން ދައްކާ ގޮތުގައި އެގައުމުގެ ބޯޑަރު ހުޅުވައިލުމުން އެގައުމުގެ 38 ޕަސެންޓް ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށެވެ. މިހާލަތުގައި ރައްކާތެރިވުމަށާއި އެއާޕޯޓްގެ ދިގު ކިޔޫތަކުގައި މަޑުނުކޮށް ގިނަ މީހުންނާ ބައްދަލު ނުވެ ދަތުރުކުރުމަށް އިންޑިއާގެ ގިނަ ފަތުރުވެރިން މިހާރު ދަތުރުކުރަން ބޭނުންވަނީ ޕްރައިވެޓްކޮށް ކަމަށްވެސް ދިރާސާ އިން ދައްކަ އެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް ރާއްޖެއަށް ދައުވަތު ދިން ނަމަވެސް، މި ވަގުތަކީ އަޅުގަނޑުމެން އެންމެން ވެސް އެންމެ ފަރުވާތެރިވާން ވީ ވަގުތެވެ. އެއީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް މިހާރު ކުރެވިފައިވާ އަންދާޒާތަކުން، ކުރިޔަށް އޮތް ތިން މަހު ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓަށް ދަށް ވާނެތީ އެވެ. ބާރު މިނުގައި ޓޫރިޒަމް ހިނގައިގަންނާނީ ސެޕްޓެމްބަރުން ފެށިގެންނެވެ.

އެހެންކަމުން އާންމު ހާލަތަކަށް ރުޖޫއަ ވުމުގެ މަގުގައި ފަރުވާ ކުޑަކޮށްފި ނަމަ ދެން ރާއްޖެ ވެއްޓޭ ވަޅުގަނޑުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. މިއީ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަންވީ ވަގުތެވެ. ހާލަތުގެ ނާޒުކުކަން ދަންނަން ވީ އެވެ.