ރާއްޖޭގެ ތާރީހުގައި މިހާތަށް ހިންގާފައި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ޓީމަކުން ތަހުގީގުކުރަމުން އަންނަ މި މައްސަލައިގައި މިހާރުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ މަތީ ފަޑީގައި ތިއްބަވާ ބޭފުޅުން ހިމެނޭ ކަމަށް މައްސަލަ ބަލާ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ބަލާ ޓީމުގައި ހިމެނޭ ޕްރޮސެކިއުޓަރުންތަކެއް ރައީސް ސޯލިހަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު 2015 އިން ފެށިގެން ކުރިއަށް ގެންދާއިރު، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާމެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތައް އުފެދިފައިވާ ކަމަށެވެ.

އެގޮތުން ޕީޖީ އޮފީހުން އޮގަސްޓް 7، 2019ގައި ހާއްސަ ޓީމެއް އެކުލަވާލައިގެން ތަހުގީގުގެ މަސައްކަތް ފަށައިފައިވީ ނަމަވެސް އެކަން ހުއްޓުވުމަށާއި ޝަރީއަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބައެއް ފަރާތްތަކުން ހުރަސް އަޅަމުންގެންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެ މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް މައްސަލަ ބަލަން އެކަށީގެންވާ ވަސީލަތްތަކާއި މާހައުލު ގާއިމްކުރެވިފައި ނެތް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އެގޮތުން އެފަދަ މާހައުލެއް ގާއިމްކޮށް، މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ޕްރޮސެކިއުޓަރުންގެ ފަރާތުން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ސިޓީގައި އެމްއެމްޕީއާރްސީގެ މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތްތައް ވަކި ބައެއްގެ ނުފޫޒެއް ނެތި އަދި ވަކިބައެއްގެ ތައައްސަބެއް ނެތި ކުރިއަށް ދެވޭނެ މަގެއް ހޯއްދަވައި ދެއްވުމަށް ވެސް ރައީސްގެ އަރިހުން އެދިފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ޖަލަށްލައި ހުކުމްކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ހުކުމް އިއްވައިފައެވެ. ހާމިދުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާއިރު ޒިޔަތުގެ ހުކުމް ތަންފީޒުކޮށް ނުނިމުނަސް އޭނާ މިވަގުތު ހުރީ ގޭ ބަންދުގަ އެވެ.