ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވި ކުއްޖާ ވެންޓިލޭޓަރާ އެކު ރޭ ދަންވަރު މާލެ ފޮނުވާލާފައިވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މަސް ފެންގަނޑަކަށް ވެއްޓި ހާލު ދެރަވެގެން އިއްޔެ ހަވީރު 5:15 ހާއިރު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔައީ 14 މަހުގެ ފިރިހެން ކުއްޖަކަށެވެ. އެކުއްޖާއަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު، އަލީ ނަޝީދު "ވަން" އަށް މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި އެކުއްޖާއަށް ފިޓް ޖެހުނު ކަމަށެވެ. އަދި ރޭ ދަންވަރު 2:00 ހާއިރު ވެންޓިލޭޓަރާއެކު އެކުއްޖާ މާލެ ފޮނުވާލާފައިވާ ކަމަށާއި ފޮނުވާލިއިރު ވެސް ހޭ ނާރާ ކަމަށް ވިދާޅުވި އެވެ.

"ކުއްޖާގެ ފުންޕާމެޔަށް ފެނުގެ އަސަރު ކޮށްފަ ހުރީ. ނަމަވެސް ފެންގަނޑުގެ ތެރޭގައި ހޭދަވި ވަގުތެއް ނޭނގޭތީ ފުންޕާމޭގަ ހުރީ ކިހާ ފެނެއް ކަމެއް ނޭނގެ،" އަލީ ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ވެސް ގަމުގައި ވަނީ އެފަދަ ހާދިސާއެއް ހިނގައިފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހޭނެތުނެވެ. ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔައެވެ.