ރެއާލް މެޑްރިޑުން 34 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްފިއެވެ. ރެއާލް އިން ލީގު ޗެމްޕިއަން ހޯދީ ރޭ ވިޔަރެއާލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ރޭގެ މެޗަށް ނިކުތްއިރު ލީގު ކާމިޔާބުކުރަން ރެއާލް އަށް ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ރެއާލް މި މެޗުން މޮޅުވި އިރު މި މުބާރާތުގައި ވާދަވެރި ބާސާ ރޭ ވަނީ އޮސަސޫނާ އަތުން 2-1 ގެ ނަތީޖާ އަކުން ބަލިވެފައެވެ. އެހެންކަމުން ރެއާލް މޮޅުވެ ބާސާ ބަލިވުމުން ރެއާލްއަށް ވަނީ ތާވަލްގައި 7 ޕޮއިންޓުގެ ލީޑެއް ލިބި ލީގު ކަށަވަރު ވެފައެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ބެންޒިމާ މެޗްގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
ރޭގެ މެޗްގެ ދެވަނަ ހާފްގައި ރެއާލްއިން ނުރައްކާތެރި ހަމަލާތަކެއް ވިއަރެއާލްގެ ގޯލަށް ފޮނުވާލިއިރު 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކެޕްޓަން ރާމޮސް ފޮނޮވާލަން އުޅެފައި ރެފްރީ ކަށިގަނޑު އެޅުމުގެ ކުރީން ބެންޒީމާ ޕެނަލްޓީ އޭރިއާ ތެރެޔަށް ވަނުމުން އަލުން ޕެނަލްޓީ ޖަހަން ރެފްރީ އެންގިއެވެ. އެގޮތުން ދެވަނަ ފަހަރަށް ދިން ފުރުސަތުގައި ބެންޒިމާވަނީ ޕެނަލްޓީ ޖަހައި ރެއާލް އަށް ލީޑު ފުޅާކޮށްފައެވެ.
ވިއަރެއާލްގެ ހަމަ އެކަނި ލަނޑު 83 ވަނަ މިނެޓްގައި އިބޮރާ ކާމިޔާބު ކުރިއިރު، ރެއާލްގެ މާކޯ އެސެންސިއޯ މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑެއް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ބާތިލް ކޮށްފައެވެ. ރޭ މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ މި އަހަރުގެ ލަލީގާ ލިބުމުން މިއަދަކީ އޭނާއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ތިންމަހުގެ މެދުކެނޑުމަކަށް ފަހު މި ލިބުނު ކާމިޔާބީ އަކީ ޗެންޕިއަންސް ލީގު ލިބުމަށްވުރެ ބޮޑު އުފަލެއް ކަމެވެ.
އެންމެ ފަހުން ރެއާލް އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި މި އަހަރުގެ ސީޒަން ކޮވިޑާ ގުޅިގެން މެދުކެނޑުމަށް ފަހު ކުޅުނު އެއްވެސް މެޗަކުން ރެއާލް އަދި ބަލިވެފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު