ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެގެންދިޔަ ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އަމާން އައްސޭރިއަކަށް ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބ. އޭދަފުއްޓާއި ށ. ފުނަދޫ ކޮވިޑް މެނޭޖްމެންޓް ސެންޓަރު ހުޅުވުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑާ ދޭތެރޭ ކަންފަސޭހަ ކޮށްލުމަކީ އަދި އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި މިހާރު ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު، ކަން ފަސޭހަ ކޮށްލައިފިނަމަ ކުރިއަށް އޮތް ދުވަސްތައް ވަރަށް ނުރައްކާތެރި ދުވަސްތަކަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ބޯޑަރު ހުޅުވިއްޖެ. އެއްތަނުން އަނެއްތަނަށް ދިއުމުގައި އިހަށްވުރެ ފަސޭހަ ގޮތްތައް ލިބިއްޖެ. ގޭގައި ބަންދުވެފައި ތިބުން ވީއްލިއްޖެ. މިހާ ހިސާބުން ކުރަން އޮތް ކަމަކީ، އަޅުގަނޑުމެން އަމިއްލަ ރައްކާތެެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމު މަސައްކަތްތައް ކަމަށް ދެކުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަލި ފެތުރުން ބިނާވެފައި މިވަނީ ފަރުދީ ޒިންމާއަށް ކަމަށާއި ފަރުދީ ގޮތުން އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން ލަސްކުރެވި އަދި ބަލިން ރައްކާތެރިވުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުކުރެވިގެންދާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ހާލަތު މި އޮތް ގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިހާރު ކޮށްފައި ހުރި ތަޖުރިބާ އަދި މިހާރު އަޅުގަނޑުމެން އަމަލުކުރާ އުސޫލަށް ބަލާއިރުގައި ބައްޔަށް ޕޮޒިޓިވްވާ މީހުން އަދަދު އިތުރުވެގެންދިޔަ ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިހާރު މިހުރި ފިޔަވަޅުތަކުގެ މަތީގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމުގައިވާނަމަ އަދިވެސް އަމާން އައްސޭރިއާ ހަމައަށް ދިއުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ބޭރަށް ނުކުންނައިރު ބަހައްޓަންޖެހޭ ދުރުމިން ބެހެއްޓުމާއި މާސްކު އެޅުމަށް އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ ކަމަށެވެ. އަދި ފަންނީ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައިފިނަމަ ކޮވިޑުން ރައްކާތެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އަޅާނީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން، އިގުތިސާދަށް ދިރުން އަންނަ ގޮތަށާއި ދިރިއުޅުމަށް ވެސް ލުއިވާ ގޮތަށް ކަމަށެވެ. ނަމަވެސް ކޭސްތައް އިންތިހާއަށް އިތުރުވެ، ފަހަތަށް ޖެހެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާ ހިސާބަށް އަދެވުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިވިގެން ކަމަށާއި މިއީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކަންކަން ކުރެވިގެންދާނީ ރައްޔިތުންގެ އެއްބާރުލުން ލިބި، މުޅި ގައުމު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެވިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު