އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

އިންޑިއާގައި އެއްވެސް ކޮންޓްރޯލެއް ނެތި ކޮވިޑް ފެރުތެމުން ދާއިރު އެގައުމުން މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1،005،760 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން އިންޑިއާއިން މިހާތަނަށް 25،602 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގައި ކޮވިޑް އެންމެ ގަދަޔަށް ފެތުރެމުން ދަނީ މަހާރަސްތުރާގެ އިތުރުން ޓަމިލް ނާޑޫ އަދި ވެރިރަށް ދިއްލީގައެވެ. އިންޑިއާގައި ޖުލައި މަސް ފެށުމާއެކު ވައިރަސް ޖެހުނު މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ އިރު އެގައުމުގެ ސިއްހީ ދާއިރާ ވެސް ވަނީ ބަލިމީހުނަށް ހިދުމަތް ދިނުމުގައި ނުކުޅެދިފައެވެ.

އިންޑިއާގައި ބަލިޖެހުނު މީހުންގެ ތެރެއިން 6 ލައްކައަށްވުރެ ގިނަ މީހުން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އާ ކޭސްތައް އިތުރުވުމާއެކު ބަލި ޖެހޭ މީހުންނާއި ރަނގަޅުވާ މީހުންގެ ފަރަގު ވަނީ ބޮޑުވެފައެވެ.

އިންޑިއާ މިހާރު ވަނީ މުޅި ދުނިޔެއިންވެސް ތިންވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމަށް ވެފައެވެ.

އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެގޮތުން އެގައުމުގައި މިހާރުވެސް 125 މިލިއަނަށްވުރެ ގިނަ މީހުން ތިބީ ލޮކްޑައުންގައެވެ.