ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 18 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2339 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 68 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 47 ދިވެއްސަކާއި ބަންގުލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލުގެ މީހަކާއި ފިލިޕީންސްގެ ތިން މީހަކާއި ސްރީލަންކާގެ ހަތަރު މީހެކެވެ.

މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ވެސް ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ. މިދިޔަ ހުކުރު ދުވަހު 64 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހޮނިހިރު ދުވަހު 47 މީހަކު ޕޮޒިޓިވްވިއެވެ. އަދި އާދީއްތަ ދުވަހު 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ޖުމްލަ 2899 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 530 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.