ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި އެ ހިދުމަތްތައް ކަނޑާލުމުގައި ނިކަމެތިންނަށް ލުއިގޮތްތަކެއް އިންތިޒާމް ކުރުމަށް ކަނޑައަޅައި ފެނާއި ނަރުދަމާގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ފާސްކޮށްފިއެވެ.
އެބިލުގައި ބުނެފައިވަނީ، އެ ހިދުމަތް ދިނުމުގައި މި ގާނޫނުގެ ދަށުން ކަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެ މަތިން، ގާނޫގައި ބުނެފައި އެވާ ފަގީރުންގެ ދަފްތަރު އެކުލަވައިލާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
މި ބިލުގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ދޭން ޖެހޭ ގޮތާއި އެ ހިދުމަތްތައް ދޭން ޖެހޭނެ ފަަރާތްތަކާއި، އެ ހިތުމަތުގެ ފެންވަރާއި، އެ ހިދުމަތަށް އަގު ނަގާނެ ގޮތްތައް ވަނީ ބަޔާން ކޮށްފައެވެ. ހިދުމަތަށާއި ވަސީލަތްތަކަށް ގެއްލުން ލިބޭ ގޮތަށް ކަންތައްތައް ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެ ބިލުގައި ބުނާގޮތުން، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައެވެ. ދަނޑުވެރިކަމާއި ސިނާއީ އެހެނިހެން މަސައްކަތްތަކާއި، ފަތުރުވެރިކަމަށް ދޫކުރެވޭ ފަޅު ރަށްރަށާއި، ފަޅު ހިއްކައިގެން އުފައްދާ ރަށްރަށާއި، ރަށްރަށަށް އިތުރުކުރެވޭ ބިމުގެ ސަރަހައްދުތަކުގެ ފެންފަށަލަ އާއި ކުޅިތަކުގައި ހުންނަ ފެނާއި، ގުދުރަތީގޮތުން އުފެދިފައި ހުންނަ ފެންގަނޑު ތަކަކީ ސިނާއީ ބޭނުންތަކަށް ބޭނުން ކުރެވޭނެ ފެނުގެ
ވަސީލަތްތަކެއް ނޫން ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ. ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާ ހަމަޔަށް، ފަޅުރަށްރަށުގައި، ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފެން ޕްލާންޓު ބެހެއްޓުމަށް، ނުވަތަ އެނޫންވެސް ގޮތަކުން ފެން އުފައްދާނެ ގޮތް ހަމަޖެއްސުމަށް، ދެ އަހަރުދުވަސް ދޭން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އިމާރާތް ކުރުމަށާއި އެނޫންވެސް ސިނާއީ މަޝްރޫއުތަކަށް ބިމުން ފެން ނަގައި ބޭރުކުރަން ވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއް ގޮތްވާ ގޮތުގެމަތިން އެކަމަށް ހުއްދަ ނަގައިގެން ކަމަށްވެސް ބުނެފައި ވެއެވެ.
ބިލުގައި ބުނެފައިވަނި، ތެލާއި ކެމިކަލް ފަދަ ތަކެތި ބިމާއި ބިމުގެ ފެން ފަށަލަޔަށް އެޅުމަކީ މަނާކަމެއް ކަމަށެވެ.
ދިމާވެދާނެ ކާރިސާއަކަށް ނުވަތަ ހާދިސާއަކަށް ތައްޔާރުވުމަށް، މީހުން ދިރިއުޅޭ ރަށްރަށާއި، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ފަސްދުވަހަށް ބޭނުންވާ މިންވަރަށް ސާފު ބޯފެން ރައްކާކޮށްފައި ބަހައްޓަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ފެން އުފެއްދުމަށް ރަށުގެ މީރު ފެން ފަށަލައިން ނުވަތަ ގުދުރަތީ ކުޅިއަކުން، ނުވަތަ ފެންގަނޑަކުން ފެން ބޭނުން ކޮށްފިނަމަ، އެކަން ކުރި ފަރާތެއް 500،000 ރުފިޔާ އާއި 1،000،000 ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް މި ބިލުގައި ވަނި ހިމަނައިފައެވެ.
ފެނާއި ނަރުދަމާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އެހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް ގެއްލުން ދިނުމާއި، ހިދުމަތް ދިނުމަށް ދަތިކުރާ ފަރާތްތައް 1،000،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ހިދުމަތްދޭ ފަރާތުން ދޫކޮށްފައިވާ ފެނުގައި ހުންނަ ފެންވަރަށް ބަދަލެއް އަތުވެދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް ފެނުގެ ނިޒާމުގެ ތެރެޔަށް އެޅުމާއި، އެފަދަ އެއްޗެއް ނިޒާމުގެ ތެރެޔަށް ވާސިލްވުމަށް މަގުފަހިވެދާނެ ކަމެއް ކޮށްފިނަމަ 50،000 ރުފިޔާ އާއި 100،000 ރުިފޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވެސް ބިލުގައި ހިމަނާފައި ވެއެވެ.
ކޮމިޓީން ފާސްކޮށް މި ބިލުވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ފެނާއި ނަރުދަމާ
ފެނާއި ނަރުދަމާ
ފެނާއި ނަރުދަމާ