ރަސްމާލެ ހިއްކައި ނިމޭތަނުން އެތަނުގައި މަގު ހެދުމުގެ މަސައްކަތް އަދި ފެނާއިނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށާއި، އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ސަރުކާރެއްގައި ގާނޫނުއަސާސީއަށް ގެނައި ބަދަލު ފަހުން އުވާލާފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ބިން މިލްކު ނުވާ ގޮތަށް، ރާއްޖެއަށް ގެނެވެން އޮތް އެންމެ ގިނަ އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދީފައިވާ އެއްވެސް ގޯއްޗެއް ކެންސަލް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އެނަލައިޒްކޮށް ނިމުމުން، ގޯތި ލިބެންޖެހޭ ހުރިހާ އެންމެންނަށް ގޯތި ދެވޭނެ ޖާގަ ރަސްމާލޭގައި އޮންނާނެއެވެ. އަދި ފްލެޓް އަޅަންޖެހޭ ސަރަހައްދުތަކުގައި އެކަމަށް ބޭނުންވާ ޖާގަވެސް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ. މިހާރު ހުޅުވާލެވިފައިވަނީ އާންމުކޮށް އިމާރާތްކުރުމުގެ ފުރުސަތުތަކަށް ކަމަށާއި، މުޅި ތަނުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް އެކި އިންވެސްޓްމަންޓްތައް ގެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ އިންވެސްޓަރުންނާއެކު ކުރިއަށްގެންދާ މި މުޅި މަޝްރޫއު ނިންމުމަށް އަންދާޒާކޮށްފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ރަސްމާލޭގެ ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތްތައް އެއަށްވުރެ މާ ކުރިން ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ބިން ހިއްކާ ނިމޭތަނުން ޔޫޓިލިޓީ މަސައްކަތްތައް ފެށުމަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށާއި، އަމާޒަކީ ގޯތި ލިބޭ ފަރާތްތަކަށް އިމާރާތްކުރަން ފެށޭނެ މަގު ވީހާވެސް އަވަހަކަށް ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ރަސްމާލޭގެ އިތުރުން، ގުޅިފަޅާއި ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށްވެސް ސަރުކާރުން އިސްކަންދޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަގުތައް ބޮޑުވުމުގެ ސަބަބުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުޑަކޮށް މަޑުޖެހުނު ނަމަވެސް، އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި އެތަން ހިއްކާ ނިމޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގުޅިފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ހުރި ހުރިހާ ތަނެއްގެ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަތީ ހަރުފަތަކަށް ގޮސް، ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެއަށް ފައިދާހުރި ކަންކަން ކުރަން އުޅޭ ކޮންމެ ފަހަރަކު ސިޔާސީ ފަރާތްތަކުން އެކަމަށް ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ގައުމީ ވިސްނުމެއް ނެތި ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން މަޝްރޫއަށް ހުރަސް ނޭޅޭނެ ކަމަށާއި، ސަރުކާރުން އަމާޒަށް ވާސިލުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި މަޝްރޫއުގެ ތަފްސީލުތައް ކަމާބެހޭ ވަޒީރުން ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.