ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފިއެވެ.

ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. އެ އެއްބަަސްވުމުގައި އެމްޑަބްލިޔުއެސްސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި، ގޭގޭގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެއެވެ.

މީގެ އިތުރުން، ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި ސީއައުޓްފޯލްއެއް އެޅުމާއި އަދި މިހާރުވެސް އެ ރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރާ ދެ ތަންގީ ބަހައްޓާނެ ކަމަށް ބުންޏެވެ.

އެ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 70.8 މިލިއަން ރުފިޔާއަށެވެ.