"ދި އެޑިޝަން"ގެ އެޑިޓަރު ރާއީ މުނައްވަރަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް "ޖިންސީ ފުރައްސާރަ" ކުރި ކަމުގެ ތުހުމަތާ ގުޅިގެން އިންސާފު ގާއިމްކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.

ރާއީ ވިދާޅުވި ގޮތުގައި، ހަސަން އޭނައަށް ޖިންސީ ފުރައްސާކުރި މައްސަލަ ޝަކުވާއެއްގެ ގޮތުގައި ރައީސް އޮފީހަށް ހުށަހެޅީ ފެބްރުއަރީ 4، 2020 ގައެވެ. އަދި ހަމަ އެމައްސަލަ ފުލުުންނާއި އޭސީސީއަށް ވެސް ހުށަހެޅި ކަމަށް ޓުވީޓާގައި ރާއީ ވިދާޅުވެފައި ވެއެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހެއްގެ ކިބައިން ދިވެހި އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތު ކުރެވުނު ނަމަވެސް، މުއައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ޒަމާނުއްސުރެ ރާއްޖޭގެ މުޖުތަމައުގައި އަށަގެންފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ހުރެ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ނިސްބަތުން މަދުއިރު އަދި މި ދާއިރާއަށް ނުކުންނަން އަންހެނުން ފަސް ޖެހުމުގެ ސަގާފަތެއް އޮތްއިރު، އެފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިކަމަށް އަންހެނުން ނުކުތުމަށް މިހާރަށްވުރެ ބޮޑަށް ފަސްޖެހި، ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމުން ހަސަން އިސްމާއިލަށް ތުހުމަތު ކުރެވޭ މައްސަލަ އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތެއްގެ މަތިން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް މައްސަލައިގެ ހަގީގަތް ހާމަކޮށްދިނުމަށާއި ޖިންސީ ފުރައްސާރައިގެ ޝިކާރަކަށް ވި ނޫސްވެރިޔާއަށް ކަމާގުޅޭ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެ މައްސަލައިގައި އިންސާފު ގާއިމްކޮށްދިނުމަށް ވެސް އެމްއެމްސީން ވަނީ ގޮވާލައިފައެވެ.

އެ ކައުންސިލުގެ ބަޔާނުގައި އިތުރަށް ވަނީ، މީޑިއާގައި ހަރަކާތްތެރިވާ އަންހެން މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަށް މީޑިއާ އެޖެންސީތަކުގެ މެނޭޖްމަންޓްތަކުން ވީ އެންމެ ބޮޑަކަށް މަސައްކަތްކޮށް ދިނުމަށް ވެސް ގޮވާލައިފައެވެ.

ރާއީގެ މި ތުހުމަތުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ އަވަސްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަނީ ވިދާޅުވެފައެވެ.

ރާއީއަށް ޖިންސީ ފުރައްސަރަ ކުރި ކަމަށް ބުނާ މައްސަލަ އަވަހަށް ބަލައި ފިޔަވަޅު އެޅުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ވަނީ ގޮވައިލައިފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފައި ވަނީ މި ތުހުމަތުތަކުގެ ސީރިއަސްކަން ވަރަށް ބޮޑު ކަމަށެވެ.