ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން އަންނަ ފަށާފައިވާ އިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސް، ގައުމަށް އިގުތިސޯދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.
ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހޭނީ ފަތުރުވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހިގެން ކަމަށްވާ އިރު، ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭނެ ކަމަށް ސީއެންބީސީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަނީ ވިދާޅުވެފައެވެ.
އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ، 30 ދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމީ ފަތުރުވެރިކަން ބޫސްޓް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިޔަކު ހެލްތު ޑިކްލަރޭޝަން ފޯމެއް ފުރަން ޖެހޭނެ ކަމަށާއި އަދި ރާއްޖެ އަންނަ ފަތުރުވެރިން އެއާޕޯޓުގައި ސްކްރީންކޮށް ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބަލާނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް ރާއްޖެއަކީ އަމާން މަންޒިލަކަށް ހެދުމަށް ގައިޑްލައިންތައް އެކުލަވާލައި އެ ގައިޑްލައިންތަކަށް އަމަލު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލުމާއެކު ރާއްޖެއަށް ވަނީ 212 މީހަކު އައިސްފައެވެ. އޭގެ ތެރޭގައި 32 ގައުމަކުން އައި 102 ފަތުރުވެރިން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު