މިދިޔަ 24 ގަޑިއިރު ތެރޭ 30 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 2831 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެއް ކަމަށެވެ.

މިމަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ފެނިފައިވަނީ މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ. މިދިޔަ ހުކުރު ދުވަހު 64 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހޮނިހިރު ދުވަހު 47 މީހަކު ޕޮޒިޓިވްވިއެވެ. އަދި އާދީއްތަ ދުވަހު 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 19 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 2321 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 482 މީހަކަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 32 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 423 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.