ކޮވިޑާ ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލެވުނީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު، ބޯޑަރުތައް މިއަދު ވަނީ އަލުން ހުޅުވާލައިފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޯޑަރު ފަހުރުވެރިކަމާއެކު އަލުން މިއަދު ފަތުރުވެރިންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި "ސަނީ ސައިޑް އޮފް ލައިފް" އަށް މަރުހަބާ ދަންނަވަން ތައްްޔާރަށް ތިއްބެވި ކަމަށެވެ.

ސަނީ ސައިޑް އޮފް ލައިފް އަކީ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ބޭނުން ކުރާ ސްލޯގަންއެވެ.

ބޯޑަރު ހުޅުވާލުމުގެ ގޮތުން ރާއްޖެއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާވޭސް އިން މިއަދު ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އޭ320 މަރުކާގެ ބޯޓެކެވެ. ނަމަވެސް އެ ފްލައިޓުގެ ޖާގަ އޯވާބުކް ވުމުން ބޮޑު ފްލައިޓެއް ބޭއްވީއެވެ.

ބޯޑަރު ހުޅުވާލުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ގަތަރު އެއާވޭސްގެ ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ.

އެމްއޭސީއެލް އާއި ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ފްލައިޓުން ޖުމްލަ 128 މީހަކު ރާއްޖެ އައިސްފައި ވެއެވެ. އޭގެ ތެރެއިން 23 މީހުންނަކީ ދިވެހިންނެވެ. ދެން އައިސްފައިވަނީ ހުސް ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކުގެ މީހުންނެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި އިރު، އެކަމަށްޓަކައި އެއާޕޯޓް ހިންގާ އެމްއޭސީއެލުން އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެގޮތުން އެއާޕޯޓު އޮތީ ކޮންމެ 20 މިނެޓަކުން ފްލައިޓް ޖެއްސޭ ވަރަށް ތައްޔާރުވެފަ އެވެ. ބޯޓު ޖައްސައި އަދި ފުރާ ކޮންމެ ފަހަރަކު އެއާޕޯޓް ޑިސްއިންފެކްޓް ކުރާނެ އެވެ.

އޭގެ އިތުރުން އިޖްތިމާއީ ގައިދުރުކޮށް ހިދުމަތް ދެވޭ ގޮތަށް މުޅި އެއާޕޯޓްގެ ނިޒާމު ބައްޓަން ކޮށްފައިވާއިރު ކުރިން އެއް ފަހަރާ 1000 މީހުންނަށް ހިދުމަތް ދެވޭ އިންޓަނޭޝަނަލް އެރައިވަލް ހޯލުގައި މިހާރު ހިދުމަތް ދެވޭނީ 557 މީހުންނަށެވެ. ކުރިން 1200 މީހުންނަށް ހިދުމަތް ދޭ އިންޓަނޭޝަނަލް ޑިޕާޗާ ހޯލުގައި މިއަދުން ފެށިގެން ހިދުމަތް ދޭނީ 750 މީހުންނަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން ވަނީ ޖާގަ ނަގައިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.